އައިސީޓީ ޓޫލްތައް
އައިސީޓީ ޓޫލްތައް
|
ތަޢާރަފު
މިއަދު ދުނިޔެމިވަނީ ޓެކްނޮލޮޖީ ގޮތުން
ވަރަށް ބޮޑަށް ކުރިއަރާފައެވެ. ކިޔަވައިދިނުމުގެ ވައްޓަފާޅިއަށްވެސް މިވަނީ ބޮޑެތި
ބަދަލުތަކެއް އައިސްފައެވެ. 21 ވަނަ ޤަރުނަށް ދަރިވަރުން ތައްޔާރުކުރާއިރު
އައިސީޓީ ޓޫލް ބޭނުންކުރުމަކީ މިހާރު ކޮންމެހެންވެސް ކުރަންޖެހޭ އަދި
އަހުލުވެރިވާންޖެހޭ ކަމެކެވެ. މިކަމަށް އަހުލުވެރިވުމުގެ ގޮތުން އައިސީޓީ 10 ޓޫލް
ބޭނުންކޮށްގެން ތަފާތު 10 ފިލާވަޅެއް ގެންދެވުނެވެ. އަދި މިޓޫލްތަކަށް
އަހުލުވެރިވުމަށް ޓޫލްތަކުގެ މައުލޫމާތު ދިރާސާކޮށް ދެނެގަނެވުނެވެ. އަދި ޓޫލްތައް
ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތަކާއި ދަތިތައް
ފާހަގަކޮށް އެކަންކަން ހައްލުކުރެވުނުގޮތް މިޕޯޓްފޯލިޔޯގައި
ބަޔާންކޮށްފައިވާނެއެވެ. މީގެއިތުރުން މިޓޫލްތައް ބޭނުންކުރުމުގެ ތެރެއިން ކުރެވުނު
ތަޖްރިބާތަކާއި، ދަސްވި ކަންކަމަށް ބަލައި
ރިފްލެކްޝަން ގެނެވިފައިވާނެއެވެ. ހަމައެހެންމެ މިޓޫލްތައް ބޭނުންކުރުމުގައި
މުދައްރިސުންނާއި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަން ހިމަނާފައިވާނެއެވެ. އަދި
މީގެއިތުރުން އައިސީޓީ ޓޫލްތައް ބޭނުންކުރުމާދު ލިޔެފައިވާ ކުރު ކްރިޓިކަލް
ރިވިއުއެއް މިޕޯޓްފޯލިޔޯގައި ހިމަނާފައިވާނެއެވެ.
1. ގޫގުލް
މެޕް
ދުނިޔޭގެ ތަފާތު މިސްރާބުތަކާއި
ސަރަހައްދުތައް ފަސޭހަކަމާއެކު ހޯދާލެވޭ މި ޓޫލަކީ ދަރިވަރުންނާ މުދައްރިސުންނަށް
ނުހަނު ބޭނުންތެރި، ކިޔަވައިދިނުމުގެ ތަފާތު
ޙަރަކާތްތަކުގައި ވެސް ބޭނުންކޮށްލެވޭ ޝައުޤުވެރި ޓޫލެކެވެ. މިގޮތުން
ފަތުރުވެރިންނާގުޅޭ ހުރިހާ މަޝްހޫރު މަންޒިލްތަކާއި، ތާރީޚީ، ޤަދީމީ ބިނާތަކާއި
ތަންތަން ކުޑަހިނދުކޮޅެއްގެ ތެރޭގައި ސާޗްކޮށްލެވޭ މައުލޫމާތުން ފުރިފައިވާ
ޓޫލެކެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައިއޮތް ސަރަހައްދަކާއި ތަނެއްގެ
މަންޒަރުތައްވިޔަސް ގޫގުލް މެޕުން ހޯދާލެވިދާނެއެވެ. މިގޮތުން ޖޯގްރަފީގޮތުންނާއި
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކުގެ އިތުރުން އެހެން މާއްދާތަކުގެ
މައުލޫމާތާއި މަސައްކަތްތައްވެސް ގޫގުލް މެޕާގުޅުވައިގެން ދަރިވަރުންނަށް
ދެވިދާނެއެވެ. އަދި ދަތުރުފަތުރުގައި މަންޒިލް ދެނެގަތުމަށާއި ތަނުގެ ޓްރެފިކް
ޙާލަތު، ސެޓްލައިޓް މެދުވެރިކޮށް ވަގުތުންނެގޭ
މަންޒަރުތަކުގެ އެހީގައި ދަތުރު ޕްލޭންކޮށްލުމުގައި އެހީވެދޭ ޓޫލެކެވެ. މިޓޫލް
މެދުވެރިކޮށް ދުރުމިންތަކާއި ދަތުރުތަކަށް ނަގާނެ ވަގުތުވެސް ގޫގުލް މެޕް
މެދުވެރިކޮށް ދެނެގަނެވޭނެއެވެ. މި ޓޫލް މަސައްކަތްކުރެވޭނީ އޮންލައިންކޮށެވެ.
ގޫގުލްމެޕް ބޭނުންކޮށްގެން ކުރިއަށް ގެންދިޔައިރު
ކުރިމަތިވި މައްސަލަ އަދި ހައްލުކުރިގޮތް
މިއީ ގްރޭޑް 11 ގެ ދިވެހިގަޑިއެކެވެ. މިގަޑީގައި ގެންދިޔައީ ދުނިޔޭގައި ހުރި ބޮޑެތި އަޖައިބުތަކުގެ މައުލޫމާތުތަކާބެހޭ މައުލޫމާތު އެއްކޮށް މަޒުމޫނެއް ލިޔުމުގެ ލިޔުމުގެ ތައްޔާރީތަކެވެ. ނަމަވެސް މިގަޑީގައި ކުރިމަތިވި މައްސަލައަކީ ބައެއްކުދިންނަށް އެތަންތަނަކީ ކޮބައިކަމާއި އެތަންތަން ހުންނަ ޤައުމުތައް ނޭނގުމެވެ. މިމައްސަލަ މެނޭޖްކުރުމަށް ޓަކައި އެތަންތަނާއި ގައުމުތައް ގޫގުލްގައި ސާޗްކޮށްގެން ހޯދާލީއެވެ. ދެވަނަ މައްސަލައަކަށް ދިމާވީ ގޫގުލްމެޕުގައިވާ އިންސްޓްރަކްޝަންތައް ރަނގަޅަށް ފޮލޯކުރަން ކްލާހުގެ ގިނަކުދިންނަށް ނޭނގުމެވެ. މިކަމުގައި އަމަލުކުރިގޮތަކީ ކްލާހުގައި ހުރި ޓީވީން ، ލެޕްޓޮޕް މެދުވެރިކޮށް އިންޓަނެޓަށް ވަނުމަށްފަހު ގޫގުލް މެޕް ބޭނުންކުރާނެގޮތް ދަރިވަރުންނަށް ސާފުކޮށް ކިޔައިދިނީއެވެ. އެއަށްފަހު ފިލާވަޅާގެން ކުރިއަށް ދިޔައީއެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
މިޓޫލް ބޭނުންކުރުމަށް ޖީމެއިލުން
ގޫގުލް އެޕްތަކުގެ ބައިން ގޫގުލް މެޕަށް ކުލިކްކޮށްލުމަށް ދަރިވަރުންނަށް
އިރުޝާދުދޭށެވެ. އަދި ބަލަން ބޭނުންވާ ތަނަކާއިބެހޭ މުހިންމު އިރުޝާދުތައް
ދަރިވަރުންނާ ހިއްސާކުރާށެވެ. އަދި ދަރިވަރުން ލައްވާ ބޭނުންވާ ލޮކޭޝަންތައް
އެޑްކުރުވާށެވެ. އެއްތަނާއި އަނެއްތަނުގެ ދުރުމިން ބަލާނެގޮތް ބުނެދޭށެވެ. އަދި
ސާޗްކުރަމުންދާއިރު މުހިންމުތަންތަން ނޯޓްކޮށް އެތަންތަނާބެހޭ މައުލޫމާތު
ހޯދުވާށެވެ. ހަމައެހެންމެ ޖޯގްރަފީގޮތުން ބޭނުންވާ މައުލޫމާތު ދެނެގަތުމާއި ވޯލްޑް
މެޕަށް އަހުލުވެރިވުމަކީ މި ޓޫލް މެދުވެރިކޮށް ކުރެވިދާނެކަމެކެވެ. ގޫގުލް މެޕްމެދުވެރިކޮށް
ދުނިޔޭގެ ތަންތަނުގެ މިސްރާބު ދަސްކޮށްދީ ދުނިޔޭގެ މުހިންމު ތަންތަނާއި
އެތަންތަނުގެ ދުރުމިންތަކަށް އަހުލުވެރިކުރުވިދާނެއެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
ގޫގުލް މެޕްވެސް ބޭނުންކުރެވޭނީ
އޮންލައިންކޮށްކަން ހަނދާންބަހައްޓާށެވެ. އަދި ޖީމެއިލް މެދުވެރިކޮށް ގޫގުލް
އެޕުން ގޫގުލް މެޕް ހިޔާރުކުރާށެވެ. އަދި މުދައްރިސްގެ ލަފާގެ މަތިން ކުރިއަށްދާން
ހަނދާންކުރާށެވެ. ބޭނުންވާ ލޮކޭޝަން ލިޔުމަށްފަހު ސާޗްކުރާށެވެ. އެހެންނޫނީ
ބޭނުންވާތަން ހޯދުމަށް ވަރަށް ގިނައިރު މަސައްކަތްކުރަން ޖެހިދާނެއެވެ.
ރިފްލެކްޝަން:
މިޓޫލް ބޭނުންކޮށްގެން ދުނިޔޭގެ
އެކިހިސާބުތަކުގެ ވީޑިއޯ އަދި މަންޒަރުތައް ފެނުމުން ދަރިވަރުން ވަރަށް
ޝައުޤުވެރިވެއެވެ. ދުނިޔޭގެ ރީތިތަންތަނާއި މުހިންމު ބިނާތައް ފެނުމުން
މަސައްކަތްކުރުމަށް އިތުރަށް ބޭނުންވެއެވެ. އަދި މިމަންޒަރުތައް ސިފަކޮށް
ލިޔަންދިނުމުން ބަސްކޮށާރު މުއްސަނދިވެގެން އާދެއެވެ. ހިސްޓްރީއާއި ދުނިޔޭގެ
ޗާޓަށް ދަރިވަރުން އަހުލުވެރިވެ ގައުމުތަކާބެހޭ އިތުރުމައުލޫމާތު ދަރިވަރުންނަށް
އެނގިގެންދެއެވެ. ނަމަވެސް މިޓޫލް ބޭނުންކުރާއިރު މުދައްރިސް ގެންދާ ފިލާވަޅާނުގުޅޭ
ތަންތަނާއި ފޮޓޯބެލުން ދަރިވަރުންގެ ފަރާތުން ވަރަށް ގިނައެވެ. ވީމާ މިކަމަށް
މުދައްރިސް ސަމާލުކަންދޭން ވާނެއެވެ. މިޓޫލްތައް މިގޮތަށް އަލަށް ބޭނުންކުރާއިރު
ދަރިވަރުންނަށް ވަރަށްބޮޑަށް އެހީތެރިކަން ދޭންޖެހޭނެއެވެ. ދިމާވާ މައްސަލަތައް
ހައްލުކުރުމަށް މުދައްރިސް މިޓޫލްތަކަށް ވަރަށް ބޮޑަށް އަހުލުވެރިވާންޖެހެއެވެ.
2. ޔޫޓިއުބް
ޔޫޓިއުބް ބޭނުންކޮށްގެން ގެންދިޔައިރު ކުރިމަތިވި މައްސަލަ އަދި ހައްލުކުރިގޮތް
މިގަޑިއަކީ ގްރޭޑް 11 ގެ ގަޑިއެކެވެ.
މިގަޑީގައި ގެންދެވުނު ހަރަކާތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ
ބެހޭގޮތުން ހަދާފައިވާ ވީޑިއޯ ރިޕޯޓެއް ޔޫޓިއުބުން ބެލުމަށްފަހު އޭގައި ދައްކާ
ވާހަކަތައް ޚުލާޞާކުރުމެވެ. މިކަމުގައި ކުރިމަތިވި މައިގަނޑު މައްސަލައަކީ ގިނަ
ދަރިވަރުން މުދައްރިސް ބުނި ވީޑިއޯ ނޫން އެހެންވީޑިއޯތައް ބަލައިހަދަން ފެށުމެވެ.
މިކަން ހުއްޓުވުމުގެ ގޮތުން މުދައްރިސަށް ޖެހުނީ ކްލާހުގެ ޓީވީން އިންޓަރނެޓް
މެދުވެރިކޮށް ޔޫޓިއުބުން މުޅިކްލާހަށް މުދައްރިސް ބޭނުންވާ ވީޑިއޯ ދައްކާށެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
ޔޫޓިއުބަކީ މުދައްރިސުންނާއި
ދަރިވަރުން ވަރަށް ޢާންމުކޮށް ބޭނުންކުރާ ޓޫލެކެވެ. މިޓޫލް ބޭނުންކުރުމުގައި
މުދައްރިސްގެ އިރުޝާދުވެސް ވަރަށް މުހިންމެވެ. މިގޮތުން ކޮންމެ ކޮންމެ ވީޑިއޫއެއް
ދަރިވަރުންނަށް ބެލޭނަމަ ދަރިވަރުންނާ ނުގުޅޭ ވީޑިޔޯތައް ދަރިވަރުން ބަލަން ފަށާފާނެއެވެ.
ވީމާ މުދައްރިސް މިކަމަށް ސަމާލުކަން ދޭންވާނެއެވެ. އަދި މާއްދާ ނުވަތަ
އެސުރުޚީއާއިގުޅޭ އެންމެ ރަނގަޅު ވީޑިއޯ ސާޗްކުރުމަށް އެކަމަށް އެންމެ
ރަނގަޅުލަފުޒު ނުވަތަ ބަސްކޯޅި ބޭނުންކުރަން ދަރިވަރުންނަށް ބުނެދޭންވާނެއެވެ.
އަދި އެގަޑިއާއި ނުގުޅޭ ވީޑިއޯ ދަރިވަރުން ބަލާތޯ ސަމާލުވާންވާނެއެވެ. މިގޮތަށް ސާޗްކުރާ
މުހިންމު ވީޑިއޯގެ ލިންކްތައް ކޮޕީކޮށްފައި ބެހެއްޓިދާނެއެވެ. ޔޫޓިއު
ބޭނުންކޮށްގެން ތަފާތު ހަރަކާތްތައް ގެންދެވިދާނެއެވެ. އެގޮތުން މާއްދާތަކާގުޅޭ
ވީޑިއޯތަކާއި ކަންކަން ހައްލުކުރާނެގޮތުގެ ވީޑިއޯވެސް ދަރިވަރުންނަށް
ދެއްކިދާނެއެވެ. އަދި އަޑުއެހުމާއި ބެލުމުގެ ދޭހަވެސް ދަރިވަރުލައްވާ
ހެދުވިދާނެއެވެ. އަދި ވީޑިއޯ ބަލައި އެއާމެދު މަޝްވަރާކުރުމާއި ފާޑުކިޔުމާއި
ޚުލާޞާ ލިޔުން ގެންދެވިދާނެއެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
މިއީ އޮންލައިންކޮށް މަސައްކަތްކުރާ
ޓޫލެކެވެ. މިޓޫލް ކްލާހުގައި ބޭނުންކުރާއިރު މުދައްރިސްގެ އިރުޝާދަށް ތަބާވުން
ވަރަށް މުހިންމެވެ. އަދި ދަރިވަރުންނާ ނުގުޅޭ ވީޑިއޯ ނުބަލާށެވެ. އަދި ކިޔަވައިދޭ
ގަޑީގައި އެފިލާވަޅާ ނުގުޅޭ ވީޑިއޯ ވެސް ނުބަލާށެވެ. މިޓޫލް ބޭނުންކޮށްގެން ދަރިވަރުންނަށް
އޮޅުންނުފިލާ ކޮންސެޕްޓްތަކާއި ކަންކަން ސާފުކުރުމަށް ޔޫޓިއު
ބޭނުންކުރެވިދާނެއެވެ. އަދި ފިލާވަޅު ދަސްކުރާއިރު އަދި ރިވިޝަންގެ ދުވަސްވަރު
އިމްތިހާނަށް ތައްޔާރުވުމަށްވެސް މިޓޫލް ބޭނުންކުރެވިދާނެއެވެ. އަދި އެހެން ދަރިވަރުންނަށް
އެހީވުމުމުގެ ގޮތުން ޔޫޓިއުބުގެ ލިންކް ދަރިވަރުންނާ ޝެއަރކުރެވިދާނެއެވެ.
ރިފްލެކްޝަން:
މިޓޫލަކީ ދަރިވަރުން ވަރަށް ގަޔަވާ
ޓޫލެކެވެ. އެހެނީ ވަރަށް ގިނަ ތަފާތު ވީޑިއޯތައް ހުންނާތީއެވެ. އަދި މިޓޫލަކީ
ވަރަށް އިންޕޮމޭޓިވް، ކަންކަމުގެ ހައްލު
ހޯދައިދޭ ޓޫލެކެވެ. މިޓޫލް ބޭނުންކުރާއިރު ވަރަށް ގާތުން ދަރިވަރުންގެ މަސައްކަތް
މުދައްރިސް ބަލަމުން ގެންދަންވާނެއެވެ. އަދި ވަރަށް ސާފުކޮށް އިރުޝާދުދޭންޖެހެއެވެ.
އެހެންނޫނީ ދަރިވަރުންނާ ނުގުޅޭ ވީޑިއޯ ބެލުންވަރަށް ގިނަވެއެވެ. އަދި ދަރިވަރުން
ވީޑިއޯތައް ޑައުލޯޑްކުރާނަމަ ނެޓް ވަރަށް ސްލޯވެދެއެވެ. ވީމާ މިކަމަށް މުދައްރިސް
ވަރަށް ސަމާލުވާންވާނެއެވެ. މިޓޫލަކީ ހުރިހާ ކަމެއްގެ މައުލޫމާތު ލިބޭ
ޓޫލަކަށްވުމުން ދަރިވަރުން އަމިއްލައަށް ކިޔެވުމުގައިވެސް މިޓޫލް ބޭނުންކުރާކަން
ފާހަގަކުރެވުނެވެ. ނަމަވެސް މިޓޫލް ބޭނުންކުރުމަކީ ވަރަށް ޚަރަދުބޮޑު ޓޫލެއްކަން
ދަރިވަރުންނަށް ބުނެދޭންވާނެއެވެ. އެހެންކަމުން ބޭނުންނުވާ ވީޑިއޯ ބަލައިގެން
ޑާޓާހުސްކުރުމަކީ ރަނގަޅުކަމެއް ނޫންކަން ދަރިވަރުންނަށް ބުނެދޭންވާނެއެވެ. އަދި
މިކަން ބެލެނިވެންގެ ސަމާލުކަމަށްވެސް ގެނުވަންޖެހެއެވެ.
3. ގޫގުލް
ޑޮކްސް
ގޫގުލް ޑޮކްސްއަކީ ބޭނުންތެރި އެތައް
ފީޗާސްތަކެއް ހިމެނޭ ޕަވަރފުލް އޮނަލައިން ވޯޑް ޕްރޮސެސިންގ ސިސްޓަމެކެވެ. މި
ޓޫލްގައި ފޯމެޓްކޮށް، ފައިލް ކޮޕީކޮށް ޕްރިންޓްކޮށް ހެދެއެވެ. އަދި
މުދައްރިސުންނާއި ދަރިވަރުންގެ މެދުގައި ޑޮކިޔުމަންޓްތައް ޝެއަރކޮށް ހެދޭނެއެވެ.
މިގޮތުން ދަރިވަރުންގެ މާއްދާތަކާގުޅޭ ނޯޓްތަކާއި ވޯކްޝީޓްތައްފަދަ އެތައް
މެޓީރިއަލެއްގެ ސޮފްޓްކޮޕީ ލިބިގަނެވެއެވެ. އަދި އާދައިގެ ކްލާސްރޫމެއްގައި
އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅިގެން މަސައްކަތްކުރާ ފަދައިން ގޫގުލް
ޑޮކްސްގައިވެސް މަސައްކަތްކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދެވެއެވެ. އަދި
ކަރުދާހާއިނުލާ ހިއްސާކުރެވޭ އޮންލައިން ވޯކްޝީޓާއި ހޯމްވޯކްތަކާއި ޕްރޮޖެކްޓް
މަސައްކަތްތަކުން ދަރިވަރުން ޝައުޤުވެރިކުރުވައެވެ. މީގެއިތުރުން މިޓޫލްގައި
ޑޮކިއުމަންޓް އިމްޕޯޓްކޮށް ، އެޑިޓްކޮށް އަދި އަޕްޑޭޓް ކުރެވެއެވެ.
ގޫގުލް ޑޮކްސް ބޭނުންކޮށްގެން ކްލާސް ގެންދިޔައިރު ކުރިމަތިވި މައްސަލަ އަދި ހައްލުކުރިގޮތް
މިއީ ގްރޭޑް 12 ގެ ކްލާހަށް ގެންދިޔަ
ދިވެހި ގަޑިއެކެވެ. މިގަޑީގައި ކުރިމަތިވި މައިގަނޑު މައްސަލައަކީ މައިކްރޯސޮފްޓް
ވޯޑަށް ބައެއްކުދިން އަހުލުވެރިވެފައި ނެތުމެވެ. މީގެ ސަބަބުން އެކުދިންގެ
މަސައްކަތްކުރިއަށް ނުދިއުމެވެ. ކުރިމަތިވި މި މައްސަލަ ހައްލުކުރުމަށް ޓަކައި
މައިކްރޯސޮފްޓް ވޯޑް ދަންނަ ދަރިވަރުންނާއި މުދައްރިސްގެ އެހީތެރިކަމާއެކު
އެދަރިވަރުންނަށް އެދުވަހު ބޭނުންވާނެ މިންވަރަށް އެހީތެރިކަން ދިނީއެވެ. އަދި
ޖެހިގެންއައިދުވަހު ވޯޑްގެ ފިލާވަޅެއް މި ޕްރޮގްރާމަށް އަހުލުވެރިނުވާ
ދަރިވަރުންނަށް ގެންދެވުނެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
މި ޓޫލް ބޭނުންކުރެވޭނީ އެކުއްޖެއްގެ
އަމިއްލަ ޖީމެއިލް މެދުވެރިކޮށެވެ. އަދި ދަރިވަރުންކުރާ މަސައްކަތަށް ވަގުތުން
ފީޑުބެކް ދިނުމަކީ މުދައްރިސް ކުރަންޖެހޭނެ ކަމެކެވެ. އަދި މުދައްރިސްގެ ގޫގުލް
ޑޮކުސްއަށް ބާރުކުޑަކުރުމަށް ފޯމެއް ކުރިއޭޓް ކުރުމަށްފަހު އެފޯމަށް ދަރިވަރުންގެ
މަސައްކަތުގެ ލިންކްލުމަށް ދަރިވަރުންނަށް އެންގިދާނެއެވެ. މިޓޫލްގައި
މައިކްރޯސޮފްޓް ވޯޑުގައި ކުރާ ހުރިހާ މަސައްކަތްތަކެއް ކުރެވޭނެކަން
ދަރިވަރުންނަށް ހަނދާންކޮށް ދެވިދާނެއެވެ. މިޓޫލް މެދުވެރިކޮށް ހޯމްވޯކް ދިނުމާއި
ސަބްޖެކްޓް ނޯޓްދިނުމާއި، އެސައިންމަންޓްދިނުމާއި، ދަރިވަރުންގެ މަސައްކަތް މުދައްރިސާއި ހިއްޞާކުރުމާއި
ދަރިވަރުންނަށް ފީޑްބެކްދިނުމާއި ތަފާތު މައުލޫއު ނުވަތަ މައްސަލަތައް
ހުޅުވާލއިގެން ފޯރަމްދިނުންފަދަ ކަންކަން ކުރެވިދާނެއެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
މުދައްރިސް ދޭ އިރުޝާދުތަކާއެއްގޮތަށް
އަމަލުކުރެވޭތޯ ބަލަންވާނެއެވެ. މިގޮތުން ކޮންމެ ކުއްޖެއްގެ ޖީމެއިލުން ގޫގުލް އެޕަށްގޮސް
ޑޮކްސްއަށް ވަދެ މަސައްކަތްކުރާނީއެވެ. އަދި ދަރިވަރުންގެ ލިޔުންތައް ކިޔައި
އެއަށް ފާޑުކިޔާ ހެދިދާނެއެވެ. އަދި އަމިއްލަ ލިޔުން ޝެއަރކޮށް މުދައްރިސް
ހަވާލުކުރާ މަސައްކަތްތައްވެސް މިޑޮކްގައި ފުރިހަމަކުރަމުން ގެންދެވިދާނެއެވެ.
ގޫގުލް ޑޮކްސްގެ މަސައްކަތްވެސް ކުރެވޭނީ އޮންލައިންކޮށްކަން
ހަނދާންކުރަންވާނެއެވެ.
ރިފްލެކްޝަން:
މިޓޫލް ބޭނުންކުރުމަކީ
ކިޔަވައިދިނުމުގައި ބޭނުންކުރާ މެޓީރިއަލްތައް ދަރިވަރުންނާ ހިއްޞާކުރުމަށް
ފަސޭހަވިކަމެކެވެ. އަދި ދަރިވަރުން ބަލިވެގެން ނުވަތަ އެހެންކަމެއް
ދިމާވެގެންވިޔަސް ކްލާހަށް ޙާޟިރުނުވެވުނަސް ދަރިވަރަށް ފިލާވަޅުތައް ހެދުމާއި
ނޯޓްތައް ލިބުން ދުވަހުން ދުވަހަށް ކުރިއަށް ގެންދެވެއެވެ. އަދި މުދައްރިސުން
ދަރިވަރުންނަށް ދޭންބޭނުންވާ ޚާއްޞަ މެސެޖްތައް މި ޓޫލް މެދުވެރިކޮށް ދިނުމުން
ދަރިވަރުންނަށް ކަންކަމުގައި އަރާއޮޅުންތައް ކުޑަކުރެވެއެވެ. އަދި ދަރުވަރުންކުރާ
މަސައްކަތަށް ވަގުތުން ފީޑްބެކް ދެވޭނަމަ ކުދިން މަސައްކަތަށް ފަރުވާބަހައްޓާކަން
ފާހަގަކުރެވެއެވެ. މިޓޫލަކީ ދަރިވަރުންނަށް ވަރަށް ކޮލެބްރޭޓިވްކޮށް
މަސައްކަތްކުރެވޭ ޓޫލެކެވެ. މިޓޫލްގައި ލިޔުމުގެ ހުނަރު ތަރައްޤީކުރުމަށް ވަރަށް
އެހީތެރިވެދޭ ޓޫލެކެވެ. އަދި މިޓޫލްގައި ދެވެނީ ކޮންކަހަލަ މަސައްކަތްތަކެއްކަން
ދަރިވަރުނަށް ވަރަށް ސާފުކޮށް މުދައްރިސް ބުނެދޭންވާނެއެވެ. އެހެންނޫނީ އައިސީޓީގެ
ގިނަޓޫލްތަކެއް ބޭނުންކޮށް ކިޔަވައިދޭއިރު އޮޅުންތަކެއް އަރައެވެ. އަދި ދަރިވަރުންނަށް
މަސައްކަތާއެކު އޭގެ ޑިއުޑޭޓް ދިނުންވަރަށް މުހިންމެވެ. އެހެންނޫނީ މުދައްރިސަށް
މާބޮޑަށް ބުރަވެގެން ހިނގައިދާނެއެވެ.
4. ގޫގުލް
ޝީޓް
ސްޕްރެޑް ނުވަތަ ގޫގުލް ޝީޓަކީ
ޢާންމުކޮށް ބޭނުންކުރާ ވެބް ބޭސްޓް އެޕްލިކޭޝަން ޝީޓެކެވެ. މި އެޕްލިކޭޝަންގައި
އެކްސެލް ޝީޓަކަށްވުރެ ފީޗާސްތައް ގިނަވެފައި ބޭނުންކޮށްލަން ފަސޭހަވާނެއެވެ. މި
ޓޫލްގައި ޑިޖިޓަލްކޮށް މައުލޫމާތު ރައްކާކޮށް މެނޭޖްކޮށް އޮޓޮމެޓިކުން ޕްރޮސެސް
ކުރެވެއެވެ. މިޓޫލް މެދުވެރކޮށް ދަރިވަރުންނަށް ބޭނުންވާ ޑޮކިއުމަންޓް ޝެއަރކޮށް
ހެދެއެވެ. އަދި އެއްވަގުތެއްގައި އެއްފަހަރާ އެތައް ދަރިވަރުންނަކަށް
ބޭނުންކޮށްލެވޭ މި ޓޫލްގައި ދަރިވަރުންނަށް ކޮލެބްރޭޓްކޮށް މަސައްކަތްކޮށްލުމަށް
މަގުފަހިވެއެވެ. މިޓޫލްގެ އެހީގައި ދަރިވަރުންގެ ތަފާތު ދިރާސީ މަސައްކަތްތައް
ކުރާއިރު ޗާޓުތައް ހަދައި މައުލޫމާތުތައް އެނަލައިޒްކުރުމަށް ދަރިވަރުންނަށް
ފަސޭހަވެގެންދާނެއެވެ. މި ޓޫލްމެދުވެރިކޮށް ޗާޓް، ޓޭބަލް އަދި ޑާޓާ އެނަލިސިސްކޮށް
ހަދާލެވެއެވެ. އަދި ޑޭޝް ބޯޑުސް ، ފޯމިއުލާތަކާއި އެޕްލިކޭޝަންތައް ބިލްޑްކޮށް
އޮޓޮމެޓިކުން ސޭވްކުރެއެވެ. ހަމައެހެންމެ އެޑިޓްކޮށް ފޯމެޓްކޮށް އައުޝީޓް ހުޅުވާ،
ރިމޫވްކޮށް ހެދެއެވެ. އަދި ހިސާބުގެ މަސައްކަތްތައް ކުރެވުމާއި ތަފާތު ޑާޓާތައް
މެނޭޖްކޮށް ހެދެއެވެ. މީގެއިތުރުން ގޫގުލްގެ އެހެން ސާވިސްތަކާ
އިންޓަގްރޭޓްކޮށްގެން މަސައްކަތްކުރެވޭކަން ފާހަގަކުރެވެއެވެ.
ސްޕްރެޑް ޝީޓް ބޭނުންކޮށްގެން ގެންދިޔައިރު
ކުރިމަތިވި މައްސަލަ އަދި ހައްލުކުރިގޮތް
މިގަޑިއަކީ ގްރޭޑް 12 ގެ ގަޑިއެކެވެ. މިގަޑީގައި
ރިޕޯޓްލިޔުމުގެ ގަޑިއެއްގައި ފީލްޑް ޓެރިޕަކުން ދަރިވަރުން އެއްކުރި ޑާޓާތައް
ސްފްރެޑް ޝީޓަށް އެންޓަރކޮށް އެނަލިސިސް ހެދުމަށް ހަވާލުކުރެވުނު ގަޑިއެކެވެ. ނަމަވެސް
ދިމާވި މައްސަލައަކީ ބައެއް ގުރޫޕުތަކަށް ބައެއް ޝީޓްތަކަށް އެކްސެސް ދެވިފައި
ނެތުމެވެ. މިކަން މެނޭޖްކުރުމަށް ޓަކައި މުދައްރިސް އެ ޝީޓްތަކަށް އެކްސެސް ދީ
މައްސަލަ ހައްލުކޮށްލީއެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
މި ޓޫލް ބޭނުންކުރެވޭނީ އެކުއްޖެއްގެ
އަމިއްލަ ޖީމެއިލް މެދުވެރިކޮށެވެ. އަދި ދަރިވަރުންކުރާ މަސައްކަތަށް ވަގުތުން
ފީޑުބެކް ދިނުމަކީ މުދައްރިސް ކުރަންޖެހޭނެ ކަމެކެވެ. އަދި މުދައްރިސްގެ ގޫގުލް
ޝީޓު ބާރުކުޑަކުރުމަށް ފޯމެއް ކުރިއޭޓް ކުރުމަށްފަހު އެފޯމަށް ދަރިވަރުންގެ މަސައްކަތުގެ
ލިންކްލުމަށް ދަރިވަރުންނަށް އެންގިދާނެއެވެ. މިޓޫލްގައި އެކްސެލްގައި ކުރާ ހުރިހާ
މަސައްކަތްތަކެއް ކުރެވޭނެކަން ދަރިވަރުންނަށް ހަނދާންކޮށް ދެވިދާނެއެވެ. މިޓޫލް
މެދުވެރިކޮށް އާންމުކޮށް ގެންދަން ފަސޭހަވާނީ ހިސާބާ ގުޅުންހުރި މާއްދާތަކުގެ
މަސައްކަތްތަކެވެ. މިސާލަކަށް އެކައުންޓް ކަހަލަ މާއްދާތަކަށް ވަރަށް
އެކަށީގެންވާނެއެވެ. ހޯމްވޯކް ދިނުމާއި ސަބްޖެކްޓް ނޯޓްދިނުމާއި،
އެސައިންމަންޓްދިނުމާއި، ދަރިވަރުންގެ މަސައްކަތް މުދައްރިސާއި ހިއްޞާކުރުމާއި
ދަރިވަރުންނަށް ފީޑްބެކްދިނުމާއި ތަފާތު މައުލޫއު ނުވަތަ މައްސަލަތައް ހުޅުވާލައިގެން
ފޯރަމްދިނުންފަދަ ކަންކަން ކުރެވިދާނެއެވެ. އަދި ޑާޓާ އެނަލައިޒްކުރުމަށް ދެވޭ
މަސައްކަތްތައްވެސް މިޓޫލް މެދުވެރިކޮށް ގެންދެވިދާނެއެވެ. އަދި ދަރިވަރުންގެ
ނަތީޖާޝީޓްތައް ޝެއަރކޮށް އެނަލައިޒްކޮށް ހެދިދާއެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
މުދައްރިސް ދޭ އިރުޝާދުތަކާއެއްގޮތަށް
އަމަލުކުރެވޭތޯ ބަލަންވާނެއެވެ. މިގޮތުން ކޮންމެ ކުއްޖެއްގެ ޖީމެއިލުން ގޫގުލް
އެޕަށްގޮސް ގޫގުލް ޑޮކްސްއިން މެއިން މެނޫއިން ގޫގުލް ޝީޓް އިޚްތިޔާރުކުރާށެވެ. އަދި
ދަރިވަރުންގެ ލިޔުންތައް ކިޔައި އެއަށް ފާޑުކިޔާ ހެދިދާނެއެވެ. އަދި އަމިއްލަ
ލިޔުން ޝެއަރކޮށް މުދައްރިސް ހަވާލުކުރާ މަސައްކަތްތައްވެސް މިޑޮކްގައި
ފުރިހަމަކުރަމުން ގެންދެވިދާނެއެވެ. މިޓޫލްގައިވެސް ތަފާތު ގޮތްގޮތަށް
ޝެއަރކުރެވިދާނެއެވެ. މިގޮތުން ހަމައެކަނި ރީޑްކުރެވޭ ގޮތަށާއި އަދި އެޑިޓްކުރެވޭ ގޮތަށްވެސް
ޝެއަރކުރެވިދާނެއެވެ. ގޫގުލް ޑޮކްސްގެ މަސައްކަތްވެސް ކުރެވޭނީ އޮންލައިންކޮށްކަން
ހަނދާން ކުރަންވާނެއެވެ.
ރިފްލެކްޝަން:
މިޓޫލަކީ ހިސާބާ ގުޅުންހުރި
ގިނަމަސައްކަތްތަކެއް މެނޭޖްކުރެވޭ އޮންލައިން ޓޫލަކަށްވިޔަސް އެހެންމާއްދާތަކުގެ
މަސައްކަތްތައް މި ޓޫލާއިގުޅުވައިގެން މެނޭޖްކުރެވިދާނެކަން ފާހަގަކުރެވުނެވެ.
އެގޮތުން ދަރިވަރުންގެ މާކުސްތައް މެނޭޖްކުރުމާއި ދަރިވަރުން އެސެސްކުރުމަށް ހަދާ
ރުބްރިކްތައް ހެދުމާއި ތަފާތު ފޯމްތައް މި ޝީޓްބޭނުންކޮށްގެން ކުރިއަށް
ގެންދެވެއެވެ. އަދި ދަރިވަރުންގެ ފެންވަރު ވަޒަންކޮށް އެނަލިސިސްހަދާ ކުރިއަރަމުން
އަންނަގޮތް ދަރިވަރުންނާއި ބެލެނިވެރިންނަށް ހިއްޞާކުރުމަށް މިޓޫލް
ބޭނުންކުރެވިދާނެކަން އެނގިގެންދިޔައެވެ. އަދި ޓޫލްގެ ސަބަބުން މުދައްރިސްގެ
ވަރަށްގިނަ ވަގުތު ސަލާމަތްކުރެވޭނެއެވެ. އެހެނީ ހުރިހާ ކަލްކިޔުލޭޝަންވެސް ހެދިގެންދާނީ
އޮޓޯމެޓިކުން ކަމަށްވާތީއެވެ. އަދި ގޫގުލް ޝީޓްތައް ދަރިވަރުންނާ ޝެއަރކުރާއިރު
ހަމައެކަނި އެކުދިންނަށް ބޭނުންވާ ވަރަށް އެކްސެސްދިނުން ވަރަށް މުހިންމެވެ. މިޓޫލަކީ
ދަރިވަރުން ވަރަށް ބޮޑަށް އެންގޭޖްކޮށްގެން ހަރަކާތްތައް ގެންދެވިދާނެ ޓޫލެކެވެ.
5. ގޫގުލް
ޑުއޯ
ގޫގުލް ޑުއޯއަކީ ކްލާސްރޫމަކަށް
ބޭނުންވާނެ ވަރަށް ގިނަކަންކަން އެކުލެވިގެންވާ ވީޑިއޯ ޗެޓްކްރެވޭ އަދި ކޯލްކުރެވޭ
މޯބައިލް އެޕެކެވެ. މި އެޕުން ޝެއަރކުރުމާއި އައުމައުލޫމާތު ލިއްބައިދެއެވެ.
ދުނިޔޭގެ ކޮންމެ ތަނެއްގައިތިބި ބަޔަކަށްވެސް ކްލާސް/ ސެޝަންތައް ނަގައިދެވެއެވެ. މިއެޕުން
ވޮއިސް މެސެޖް ކުރުމާއި ދަރިވަރުންނަށް އެނައުންސްމަންޓް ދެވެއެވެ. ބްލޮގްތަކާއި
ޖާނަލްތައްވެސް މިއެޕުން ބޭނުންކުރެވެއެވެ. އަދި ޑުއޯ ކޯސްތަކުގެ ވީޑިޔޯ ގެލެރީ
ކްރިއޭޓް ކުރުމުގެ އިތުރުން ވީޑިއޯ ކްއިޒާއި ޕްރެޒެންޓޭޝަންވެސް ބޭނުންކުރެވެއެވެ.
އަދި ޑިސްކަސްކުރެވޭ ބޯޑުތަކާއި، ޑައުންލޯޑްކުރުމާއި
އިންސްޓޯލްކުރުންވެސް މިއެޕްލިކޭޝަންގައި ވެއެވެ. މީގެއިތުރުން މެއިލްކުރުމާއި
ދަރިވަރުންގެ މަސައްކަތުގެ ފޯލްޑާ އަޕްލޯޑްކުރުމާއި ގްރޭޑްދިނުންވެސް މިޓޫލް
މެދުވެރިކޮށް ކުރެވެއެވެ. އަދި ތަފާތު ގްރޫޕުތައް ކްރިއޭޓްކޮށް ކޮލެބްރޭޓްކޮށް
މަސައްކަތްކުރެވެއެވެ. އަދި ލައިބްރަރީ ރިސޯސްތަކާއި ލާނިންގ މޮޑިއުލްތަކާއި
ލެސަންޕްލޭންތައް އަދި ދަރިވަރުންގެ މާކުސްތައް މެނޭޖްކޮށް ފީޑްބެކް ދަރިވަރުންނާ
ހިއްސާކުރެވެއެވެ. މިކަން އޯޑިޔޯ އަދި ވީޑިޔޯ އިންވެސް ހިއްޞާކުރެވެއެވެ.
ދަރިވަރުންގެ އެސައިންމަންޓްތައް ސަބްމިޓްކޮށް ޓެސްޓް ހެދުމާއި ސާވޭކުރުމަކީވެސް
މިއެޕުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި ކޮލެބްރޭޓިވްކޮށް
ބްލެކްބޯޑް ބޭނުންކޮށް ހެދެއެވެ. ވީމާ މިއީ ކްލާސްރޫމެއްގައި ކުރެވޭ ހުރިހާކަމެއް
އެރޫހުގައި ކުރެވޭ އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރާ ޝައުޤުވެރި
އެޕެކެވެ. މިއެޕު ބޭނުންކުރުމަށްވެސް ގޫގުލް އެކައުންޓަކުން ސައިނިންގ
ވާންޖެހެއެވެ.
ގޫގުލް ޑްއޯ ބޭނުންކޮށްގެން ގެންދިޔައިރު
ކުރިމަތިވި މައްސަލަ އަދި ހައްލުކުރިގޮތް
މިއީ ގްރޭޑް 12 ގެ ދިވެހި ގަޑިއެކެވެ.
މިގަޑީގައި ގެންދިޔަ މައިގަނޑު ހަރަކާތަކީ ގޫގުލް ޑްއޯ ބޭނުންކޮށްގެން
ދަރިވަރުންނަށް ހުޅުވާލި ފޯރަމެއްގައި މައްސަލައަކާމެދު މަޝްވަރާކޮށް އެއްކުއްޖަކު
އަނެއްކުއްޖަކަށް ޚިޔާލަށް ފާޑުކިޔާގެން ލިޔުމެވެ. މިކަން ކުރަމުން ދިޔައިރު
ވީގޮތަކީ ބައެއްކުދިން ކްލާހަށް ޓެބްލެޓް ނުގެނައުމެވެ. ދެން މިމައްސަލަ
ހައްލުކޮށްލުމަށް ކުރަންޖެހުނު ކަމަކީ ޓެބު ނުގެންނަ ކުދިން އެހެންކުދިންނާ
ގުޅިގެން އޭނާގެ ޚިޔާލުވެސް ފޯރަމުގައި ޝެއަރކުރުމުގެ ފުރުސަތު ހޯދައިދިނީއެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
މިޓޫލަކީ ޖީމެއިލް އެކައުންޓަކާއި
ފޯނުނަމްބަރެއް މެދުވެރިކޮށް ބޭނުންކުރެވޭ ޓޫލެކެވެ. އެހެނީ މިއީ ވީޑިއޯ ކޯލްކުރުމާއި ވީޑިއޯ
ސެޝަންތައް ނެގޭ އެޕަކަށްވުމުން މިޓޫލް ބޭނުންކޮށްގެން ސެޝަން ނަގާނަމަ ދަރިވަރުން
ވަގުތަށް ކްލާހަށް ގެނައުމަށް މުދައްރިސް ސަމާލުކަން ދޭންވާނެއެވެ. އަދި ކްލާހަށް
އައުމުގެކުރިން ވީޑއޯކޮށް ގެންދާކުލާހުގައި ކުރަންބޭނުންވާ ސުވާލުތައް ނުވަތަ
ސާފުކުރަން ބޭނުންވާ ކަންކަމަށް ދުރާލާ ތައްޔާރުވާންވާނެއެވެ. މި ޓޫލްގައި
ދަރިވަރުންގެ މަސައްކަތް އަޕްލޯޑްކުރުމާއި ޑައުންލޯޑްކުރުމާއި ޝެއަރކުރުމާއި
ދަރިވަރުންގެ މަސައްކަތަށް ފީޑުބެކްދިނުމާއި އެހެންކުދިން ލިޔާ ލިޔުންތަކަށް
ފާޑުކިޔުމުގެ ފުރުސަތުދިނުން ދަރިވަރުންނަށް ކުރިއަށް ގެންދެވިދާނެއެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
މިއީ އޮންލައިންކޮށް ބޭނުންކުރެވޭ
ޓޫލެކެވެ. ގޫގުލް އެކައުންޓަކުން ލޮގިންވެވޭ މިޓޫލްގައި މުދައްރިސްގެ ލަފާގެމަތިން
ކަންކަން ކުރެވިދާނެއެވެ. މިޓޫލްމެދުވެރިކޮށް ވީޑިއޯ ސެޝަންތައް ކުރިއަށް
ގެންދާތީވެ ވަގުތަށް ސަމާލަންދޭން ވާނެއެވެ. ދަރިވަރުންނަށް ނޯޓްދިނުމާއި
ދަރިވަރުންގެ މަސައްކަތް ޝެއަރކުރެވޭ ޓޫލަކަށްވުމުން މުދައްރިސް ދެއްވާ
މެޓީރިއަލްތައް ދުވަހުން ދަވަހަށް ބަލައި
ނިންމުން މުހިންމެވެ. އިމްތިހާނަށް ތައްޔާރުވާއިރު، މިއެޕް ބޭނުންކޮށްގެން
ގްރޫޕުގެ މެދުގައި ވީޑިއޯ ކޮންފަރެންސް ހަދައިގެން މަޝްވަރާކޮށް ކިޔެވުން ކުރިއަށް
ގެންދެވިދާނެއެވެ. އެހެންނަމަވެސް މިގޮތަށް ގެންދާއިރު ފައިދާކުރާގޮތަށް ވަގުތު
ބޭކާރު ނުވާގޮތަށް ގެންދެވޭތޯ ބަލަންވާނެއެވެ.
ރިފްލެކްޝަން:
މުދައްރިސުންގެ ޕްރޮފެޝަނަލް
ޑެވެލޮޕްމަންޓަށް މިޓޫލަކީ މުހިންމު ޓޫލެކެވެ. އެހެނީ އެކަމުގެ މާހިރުންގެ ވީޑިއޯ
ސެޝަންތައް މިޓޫލްމެދުވެރިކޮށް ގެންދެވިދާނެއެވެ. މިޓޫލް ބޭނުންކުރުމަށް
ސްކޫލްތަކުގައި ހުރި ކްލާސްތައް އެންމެ އެކަށީގެންނުވާކަން ފާހަގަކުރެވުނެވެ. ލައިޓީންގ
އާއި ސައުންޑް އަދި މިކަމަށްބޭންކުރާ ސާމާނުވެސް ރަނގަޅުވާންޖެހެއެވެ.
އެހެންނޫނަމަ ވީޑިއޯ ސެޝަންތައް ގެންދަން ދަތިވާނެއެވެ. އަދި ދަރިވަރުންގެ
ވާހަކަދައްކާއިރު ބާރަށް އަޑުއިވޭވަރަށް ވާހަކަދައްކަން ބާރުއަޅަންޖެހެއެވެ. އަޑުއެހުމަށް
ސަމާލުކަން ދިނުމަށް ބާރުއަޅަންޖެހެއެވެ. އަދި މިއީ ތަފާތު ލާނިންގ ސްޓައިލެކެވެ.
6. ކަހޫޓް
ކަހޫޓަކީ ކިޔަވައިދިނުމަށް ޚާއްޞަ
ޓޫލެކެވެ. ކަހޫޓް އެންމެބޮޑަށް ޚާއްޞަވަނީ ދަރިވަރުންނަށް ކްއިޒްހެދުމަށެވެ.
އެންމެނަށް ހުޅުވާލައިގެން ކްއިޒްކުރިއަށް ގެންދެވޭ އައިސީޓީ އޮންލައިން ޓޫލެކެވެ.
ދަރވަރުން ޓެސްޓަށް ދަސްކުރާއިރު މި ޓޫލްގެ އެހީގައި ދަރިވަރުންނަށް މަސައްކަތް
ދެވިދާނެއެވެ. މި އެޕްގައި ތައްޔާރުކުރާ ކްއިޒް ނުވަތަ މަސައްކަތް ދަރިވަރުން
ބޭނުންކުރާނީ ޕްރީކޮށެވެ. ހަމައެހެންމެ ޑާޓާ ކަލްކްޓްކޮށް ޑިސްކަސްކުރުމަށްވެސް
ބޭނުންކުރުމާއެކު އެއްފަހަރާ ހުރިހާ ކުދިންނަށް ގޭމެއްގެ ގޮތުގައިވެސް
ކްއިޒްކުރިއަށް ގެންދެވިދާނެއެވެ. ކޮންޕިޔުޓަރާއި ޓެބް މެދުވެރިކޮށް ބޭނުންކުރެވޭ
މިޓޫލްގައި މަލްޓިޕްލް ޗޮއިސް، ކްއިޒް، ޕޯލްސް އަދި ސާރވޭކޮށް ހެދެއެވެ.
އެހެންކަމުން މިއީ ދަރިވަރުން އެސެސްކުރުމުގައި ބޭނުންކުރެވިދާނެ ފޯމަޓިވް
އެސެސްމަންޓް ޓޫލެކެވެ. މީގައިކުރެވޭ މަސައްކަތްތަކުން ދަރިވަރުންގެ ރިފްލެކްޝަން
ލިބި ފީޑްބެކްދޭން ފަސޭހަވެއެވެ.
ދަރިވަރުންނަށް ޔުނިޓެއް ކިޔަވައިދީ
ނިންމާލުމަށްފަހު ކަރުދާހުގައި ހެދޭ ޓެސްޓްޕޭޕަރެއް ދިނުމުގެ ބަދަލުގައި
ކަހޫޓްގައި ދެވޭ ސުވާލުތަކެއް ހެއްދިދާނެއެވެ. އަދި މިގޮތަށް ދަރިވަރުން ފެންވަރު
ވަޒަންކުރުމުގެ ތެރެއިން ދަރިވަރުގެ ލާނިންގ ސްޓައިލް ދެނެގަނެވެއެވެ. ކަހޫޓްގައި
ހެދޭ ކްއިޒްތަކާއި ސުވާލުތަކުގައި އިމޭޖާއި ވީޑިޔޯ މެދުވެރިކޮށް ސުވާލު
ހުށަހެޅެއެވެ. އަދި ދަރިވަރުންގެ މަސައްކަތް މޮޑިފައިކޮށް ހެދުމަކީވެސް މި
ޓޫލުންކުރެވޭ ކަމެކެވެ. އެހެންކަމުން މިއީ ކިޔަވައިދިނުން ޝައުޤުވެރިކޮށް
ގެންދިޔުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭ އައިސީޓީ ޓޫލެކެވެ.
https://blogs.umass.edu/onlinetools/assessment-centered-tools/kahoot/https://www.youtube.com/watch?v=rZUew1wIQts
ކަހޫޓް ބޭނުންކޮށްގެން ކްއިޒް ކުރިއަށް
ގެންދިޔައިރު ކުރިމަތިވި މައްސަލަ އަދި ހައްލުކުރިގޮތް
މިއީ ގްރޭދް 12 ގެ ދިވެހިގަޑިއެކެވެ.
މި ގަޑީގައި ގެންދެވުނު ޙަރަކާތަކީ އެކުދިންގެ ކުރުވާހަކަތަކަށް އަހުލުވެރިވުމަށް
ގެންދެވުނު ކްއިޒެކެވެ. މުދައްރިސް ހަދާފައިވާ ކުއިޒެއް ވަކިވަކި ދަރިވަރުންގެ
މެދުގައި ކުރިއަށް ގެންދިޔުމެވެ. މިހަރަކާތް ކުރިއަށް ދިޔައިރު ކުރިމަތިވި
މައިގަނޑު މައްސަލައަކީ ކްއިޒުގެ ވަކިހިސާބަކުން ދެތިންކުދިންގެ ޓެބުން
ޗާޖްދިޔުމެވެ. ދެން ކަންކުރަންޖެހުނު ގޮތަކީ އެހީސާބުން ކްއިޒް
މެދުކަނޑަލުމަށްފަހު އެވަގުތުގެ ނަތީޖާ ކްލާހަށް އަންގާލީއެވެ. އަދި ކްއިޒްގެ
ނުނިމި އޮތްބައި އެހެންދުވަހަކުން ގެންދެވޭނެ ވާހަކަ ދަރިވަރުންނަށް އެންގުނެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
ކަހޫޓަކީ ދަރިވަރުން އެސެސްކުރުމުގައި
ބޭނުންކުރަން ރަނގަޅު ޓޫލެކެވެ. ޚާއްޞަކޮށް ކްލާހުގައި ކްއިޒްތައް ގެންދިޔުމަށް
ވަރަށް ރަނގަޅު އެޕްލިކޭޝަނެކެވެ. ދަރިވަރުން ވަރަށް ޝައުޤުވެރިކަމާއި މަޖަލާއެކު،
ކޮންޕިޔުޓަރ ނުވަތަ ޓެބުން ނުވަތަ ފޯނުންކުޅެވޭ ގޭމެކެވެ. ގްރޫޕޮކޮށް އަދި
ވަކިވަކި ދަރިވަރުންނަށް ކުޅެވޭގޮތަށްވެސް މިކްއިޒް ސެޓްކުރެވެއެވެ. މިކްއިޒް ކުރިއަށް
ގެންދެވޭނީ އޮންލައިންކޮށެވެ. މި ކްއިޒް ތައްޔާރުކުރުމަށް ކަހޫޓްގައި ސައިންއިން ވާންޖެހެއެވެ.
އަދި މެއިލްއެޑްރެސް ޖަހަންޖެހެއެވެ. ސައިންއިން ވުމަށްފަހު ކްއިޒް ކުރިއޭޓްކޮށް
ކްއިޒްހަދާނީއެވެ. އެއަށްފަހު ދަރިވަރުންނަށް ކްއިޒް ހުޅުވާލަންވީއެވެ.
ހުޅުވާލުމުން ލިބޭ ޕިންކޯޑެއް ލިބުމުން ކަހޫޓް ސައިޓުން ގޭމްކުޅުމަށް
"އެންޓަރ ގޭމް ޕިން" ށް ކްލިކްކޮށް ޕިންކޯޑުޖަހާ، ނަންޖަހަންޖެހޭ ބައިގައި ދަރިވަރު ނުވަތަ ގްރޫޕު
މެމްބަރުންގެ ނަންޖެހުމުން ބައިވެރިވެވުނުކަމަށް ފެންނާނެއެވެ. އަދި ކްއިޒްގެ
ސުވާލުތަކަށް ޖަވާބުދޭން ކަނޑައަޅާވަގުތު ކްއިޒް ހަދާއިރު ކަނޑައެޅިދާނެއެވެ. ދެން
ފަހަރަކު ސުވާލެއް ހުޅުވާލުމުން އެންމެފުރަތަމަ ރަނގަޅު ޖަވާބުދޭ ކުއްޖާއަށް
ޕޮއިންޓް ލިބިގެންދާނެއެވެ. އަދި ވަގުތުން އެކުއްޖެއްގެ ސްކޯ ފެނިގެންދާނެއެވެ.
މިގޮތަށް ހުރިހާ ސުވާލެއް ނިމުމުން ވަނަހޮވާ އިނާމުވެސް ދެވިދާނެއެވެ. މިގޮތަށް
ކްއިޒްގެންދިޔުމުގެ ކުރިން ދަރިވަރުން ކްއިޒަށް ތައްޔާރުކުރުމުގެ ގޮތުން
ފިލާވަޅުތައް ޕްރެކްޓިސްކުރަން ވާނެއެވެ. މިޓޫލް މެދުވެރިކޮށް ސާވޭކުރުމާއި
ޖަވާބުތަރުތީބުކުރުމުގެ ގޭމްވެސް ގެންދެވެއެވެ. މިގޮތަށް ކުޅޭގޭމް މެދުވެރިކޮށް
ދަރިވަރުންގެ ފެންވަރު ވަޒަންކުރެވެއެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
މިއީ އޮންލައިންކޮށް ކުޅޭ ކްއިޒް ގޭމެކެވެ.
މިގޭމް ކުޅެންވާގޮތް މުދައްރިސް ކިޔައިދޭނެއެވެ. (ޓީޗަރުންނަށް ދީފައިވާ
އިރުޝާދުގައި މިކަން ކަހޫޓް ހަދާނެގޮތާއި ކްއިޒްގޭމް ކުޅޭނެގޮތް
ކިޔައިދީފައިވާނެއެވެ.) މުދައްރިސްގެ އިރުޝާދުގެ ދަށުން މިގޭމް ކުޅޭއިރު
ރަނގަޅުޕިނާއި ކުއްޖާގެ ނަންޖަހަން އަންނާނެއެވެ. މުދައްރިސް ސުވާލުހުޅުވާލުމުން
ވީހާވެސް އަވަހަކަށް ރަނގަޅު ޖަވާބުދޭށެވެ. ދަރިވަރުން އަމިއްލައަށްވެސް ކަހޫޓް
ބޭނުންކޮށްގެން ކްއިޒުހަދައިގެން ދަރިވަރުންގެ މެދުގައި ކުޅެހެދިދާނެއެވެ.
މިކަންކުރެވިއްޖެނަމަ ފިލާވަޅުތައް ވަރަށް ރަނގަޅަށް ފަރިތަވާނެއެވެ.
ރިފްލެކްޝަން:
ކަހޫޓަކީ ދަރިވަރުން އެސެސް ކުރުމަށާއި
ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމަށް ވަރަށް ބޭނުންތެރި މުހިންމު އަދި
ޝައުޤުވެރި، ކްއިޒަށް ޚާއްޞަ، އޮންލައިން ޓޫލެކެވެ. ދަރިވަރުންގެ މެދުގައި، ގޭމެއްގެ
ގޮތުގައި ،ވަރަށް އެކްޓިވްކޮށް ބޭނުންކުރެވޭ، ކޮލެބްރޭޓިވްކޮށް އުނގެނެވޭ
ޓޫލެކެވެ. އަދި މީޓޫލްގައި ކްއިޒް ތައްޔާރުކުރުމަށް ފަސޭހަވެފައި އަވަހަށް ކްއިޒް
ހަދާލެވެއެވެ. ދަރިވަރުން ބައިވެރިވުންވެސް ވަރަށްބޮޑަށް ލިބެއެވެ. ނަތީޖާ
ވަގުތުން އޮޓޮމެޓިކުން ލިބޭކަން މިއީ މިޓޫލް ބޭނުންކުރަން ފަސޭހަވެގެންދިޔަ
ކަމެކެވެ. ދަރިވަރުން ވިސްނުން އަވަސްކުރުވެއެވެ. މިޓޫލް ބޭނުންކުރާއިރު
އިންޓަނެޓްގެ ޚިދުމަތް މެދުކެނޑިއްޖެނަމަ ކްއިޒް ކުރިއަށް ނުގެންދެވޭތީ
ބައެއްފަހަރު މައްސަލަތަކާ ކުރިމަތިވެދާނެއެވެ. މިއީ ފޯނުމެދުވެރިކޮށް ގެންދަން
ފަސޭހަ ޓޫލެކެވެ. ދަރިވަރުން މިޓޫލަށް ރަނގަޅަށް އަހުލުވެރިވުމުން
ދަރިވަރުންލައްވާ މިކްއިޒްހަދާ ކްލާހުގައި ބޭނުންކުރުމަކީ ދަރިވަރުން ކޮންޓެންޓަށް
ވަރަށްބޮޑަށް އަހުލުވެރިކުރުވޭނެ ކަމެކެވެ.
7. ޕްރެއިޒި
ޕްރެއިޒިއަކީ ޕްރެޒެންޓޭޝަން ސޮފްޓްވެއަރ
އެކެވެ. މި ވެބް ބޭސްޑް ޓޫލްއަކީ ޕްރެޒެންޓްކުރުމަށް އާންމުކޮށް ބޭނުންކުރާ ޕަވަރޕޮއިންޓަށްވުރެ
ހުރިހާ ގޮތަކުންވެސް ކުދިންގެ ކްލާސްރޫމްގައި ބޭނުންކޮށްލަން ކަމުދާ ސޮފްޓްވެއަރ
އެކެވެ. މިގޮތުން ޕްރެއިޒި ޕްރެޒެންޓޭޝަނުން، ދަރިވަރުން ބައިވެރިކުރުވުން ބޮޑުވެ
ޝައުޤުވެރިކުރުވާ އިފެކްޓިވް ކުރުވުން ބޮޑުކުރުވައެވެ. މިއީ ފްރީކޮށް،
އޮންލައިންކޮށް ބޭނުންކުރެވޭ ޔުނީކް ޕްރެޒެންޓޭޝަން ސްޓައިލެކެވެ. މިޓޫލްގައިވެސް
އިންޕޯޓްކުރެވެއެވެ. ފޮޓޯގެލެރީއާއި ސައުންޑް، ކްލިޕްއާޓް ފަދަ އެތައް މެޓީރިއަލްއެއް
މިޕްރޮގްރާމުގައި އެކުލެވިފައިވެއެވެ. މި ސޮފްޓްވެއަރ އެކުލަވާލާފައިވަނީ ވަރަށް
ގިނަ ތަފާތު ތީމްތަކުގެ ޓެންޕްލޭޓްތައް ހިމެނޭގޮތަށެވެ. ހަމައެހެންމެ ޓެކްސްޓާއި
ގްރެފިކްސްތަކާއި އެނިމޭޝަން އަދި ވީޑިއޯ ބޭނުންކުރެވޭ، ލޮލަށް ފަސޭހަކޮށް ސްލައިޑްތަކުގެ ޙަރަކާތްތައް ފެންނަ މި
ޓޫލްގައި ސްލައިޑްތައް ޒޫމް އޮން އަދި ޒޫމް އިން ކުރެވޭއިރު މިއީ ދަރިވަރުންގެ
މަސައްކަތްތައް ޕްރެޒެންޓްކުރުމަށް ވަރަށް އެކަށީގެންވާ ބޭނުންކޮށްލަން ފަސޭހަ
އައިސީޓީ ޓޫލެކެވެ.
ޕްރެއިޒި ބޭނުންކޮށްގެން ފިލާވަޅު ކުރިއަށް ގެންދިޔައިރު ކުރިމަތިވި މައްސަލަ އަދި ހައްލުކުރިގޮތް
މިއީ ގްރޭޑް 11 ގެ ގަޑިއެކެވެ. ކްލާސް
ހަތަރު ގުރޫޕަށް ހެދުމަށްފަހު ކޮންމެ ގްރޫޕަކަށް ދަތުރުނާމާއާ ބެހޭ ގޮތުން،
ޕްރެއިޒި ބޭނުންކޮށްގެން ޕްރެޒެންޓޭޝަނެއް ހަދަން ދިނުމުން ކުރިމަތިވި
މައްސަލައަކީ ދަރިވަރުން މި ޕްރޮގްރާމަށް އަހުލުވެރި ނުވުމުގެ ސަބަބުން މަސައްކަތް
ކުރިއަށް ނުދިއުމެވެ. އެހެންކަމުން ފުރަތަމަ ޖެހުނީ ކްލާހުގެ ޓީވީ މެދުވެރިކޮށް
އިންޓަނެޓުން މި ޕްރޮގްރާމް ބޭނުންކުރާނެގޮތް ދަރިވަރުންނަށް ސާފުކޮށްދިނުމެވެ.
އެހެންކަމުން އެދުވަހުގެ ޕްރެޒެންޓޭޝަން ހެދުން ޖެހުނީ، ޖެހިގެން އޮތް ދުވަހަށް ބަދަލުކުރާށެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
އެންމެ ފުރަތަމަ ޕްރެއިޒި ޑޮޓް ކަމް
އަށް ވަނުމަށްފަހު ޕްރެއިޒީ ޕޭޖުން ޖީމެއިލުން ލޮގިންވާށެވެ. ދެން ކްރިއޭޓް ޓެންޕްލޭޓަށްގޮސް ބޭނުންވާ
ވައްތަރެއްގެ ޓެމްޕްލޭޓެއް ނަގައި ޕްރެޒެންޓޭޝަންގެ ޓައިޓްލްޖަހައި އެނީވަން އޮން
ދަ ވެބުގައި ފާހަގަޖެހުމަށްފަހު ދެން ކޮންޓިނިއުކުރުމަށްފަހު ޕްރެޒެންޓޭޝަން
ހަދަމުންގެންދާށެވެ. ޓެކްސްޓާއި އިމޭޖްބޭނުންކުރަމުން ގެންދާށެވެ. އަދި އިތުރު
ފީޗާސްތައްވެސް މީޓޫލުން ފެންނާނެއެވެ. މިހަދާ ޕްރެޒެންޓޭޝަން އެހެން ފަރާތްތަކާވެސް
ޝެއަރކުރެވޭނެއެވެ. އަދި ޕްރެޒެންޓޭޝަން ހަދަމުންދާއިރު އޮޓޮމެޓިކުން
ސޭވްކުރެވެމުންދާނެއެވެ. މި ޓޫލްބޭނުންކުރުމަށް މިދެންނެވިގޮތަށް ދަރިވަރުންނަށް
އިރުޝާދުދޭށެވެ. އަދި ކްލާހުގައި މިޓޫލް ބޭނުންކުރުމުގެ ކުރިން ދަރިވަރުންނަށް
މިޓޫލް ބޭނުންކުރާގޮތުގެ ސެޝަނެއްނަގައިދިނުން މުހިންމެވެ. މިޓޫލް ބޭނުންކޮށްގެން
ދަރިވަރުންގެ ތަފާތު މަސައްކަތްތައް ޕްރެޒެންޓްކުރުމަށް ޕްރެޒެންޓޭޝަން
ހެދިދާނެއެވެ. މިއީ ވަރަށް ދަރިވަރުން ޝައުޤުވެރިކަމާއެކު ބޭނުންކުރި ޓޫލެކެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
މިޓޫލަކީ ޕްރެޒެންޓޭޝަން
ހަދަންބޭނުންކުރާ އޮންލައިން ޓޫލެކެވެ. މިޓޫލް ބޭނުންކުރުމަށް މުދައްރިސް
އިރުޝާދުދޭގޮތަށް މަސައްކަތްކުރެވޭތޯ ބަލާށެވެ. މިއީ ވަރަށް ގިނަ އެނިމޭޝަން
ބޭނުންކޮށްގެން ހަދާފައިވާ ޓޫލަކަށްވުމުން ދަރިވަރުން މިޓޫލް ބޭނުންކުރުމަށް
ވަރަށް ޝައުޤުވެރިވާނެކަމަށް ބެލެވެއެވެ. މިޓޫލް ބޭނުންކޮށްގެން ގިނަ
ޓޮޕިކްތަކަކަށް ޕްރެޒެންޓޭޝަން ހެދިއްޖެނަމަ ރިވިޝަންއަށް ފަސޭހަވެގެންދާނެއެވެ.
އަމިއްލައަށްވެސް މިޓޫލް ގޭގައި އިތުރަށް ސާޗްކޮށް ބަލާހިތްވާ ޕްރެޒެންޓޭޝަންތަކެއް ހެދިދާނެއެވެ.
ރިފްލެކްޝަން:
މިޓޫލަކީ ޕަވަރޕޮއިންޓަށްވުރެ ފަސޭހަ
އަދި ޝައުޤުވެރި ޓޫލެއްކަން ހުރިހާ ދަރިވަރުންވެސް ޤަބޫލުކުރިއެވެ. އަދި
މަސައްކަތްކުރާހިތުން މިޓޫލު ބޭނުންކޮށްގެން މަސައްކަތްކުރިއެވެ. އަދި ވަރަށް
ބޭނުންތެރި ޓެމްޕްލޭޓްތައް ހުރުމުން މަސައްކަތަށް ވަރަށް ފަސޭހަވެ ލުއިވެގެން ދިޔައެވެ.
ނަމަވެސް އޮންލައިންކޮށް މަސައްކަތްކުރާ ޓޫލަކަށްވާތީ ގޭގައި މަސައްކަތްކުރަން
ބައެއްކުދިންނަށް އުނދަގޫވެގެން ދިޔައެވެ. މިޓޫލުން ޝެއަރކޮށް ކޮލެބްރޭޓިވްކޮށް
މަސައްކަތްކުރެވޭތީ ދަރިވަރުންގެ ގުޅުމާއި އިޖްތިމާއީ ސިފަތައް އަށަގަތުމަށް
ބާރުއެޅިއެވެ. ދަރިވަރުން މިއިން އެންމެ ގަޔާވި އެއްކަމަކީ އެނިމޭޝަންތައް
ބަލައިލަން ފަސޭހަކަމުންކަން ފާހަގަވިއެވެ.
8. ގޫގުލް
ކްލާސް ރޫމް
ގޫގުލް ކްލާސް ރޫމަކީ އޮންލައިންކޮށް
މަސައްކަތްކުރާ ޓޫލެކެވެ. ދަރިވަރުންނާ މުދައްރިސުންނަށް ކްލާސްރޫމްގައި ގިނަ
މެޓީރިއަލްތައް ހިއްޞާކުރެވޭ، އޮންލައިންކޮށް އުނގެނުން ކުރިއަށް ގެންދެވޭ
ސިސްޓަމެކެވެ. ގޫގުލް ކްލާސްރޫމްގެ ތެރެއިން ވަގުތު ސަލާމަތްކުރުމާއެކު
ކޮމިޔުނިކޭޓްކުރަން ފަސޭހައެވެ. ދަރިވަރުންނަށް އިރުޝާދުދިނުމާއި ދަރިވަރުންނަށް
ތަފާތު އޮންލައިން މަސައްކަތްތައް ހަވާލުކޮށް ދަރިވަރުން އެސެސްކޮށް ހަދާލެވި
ދަރިވަރުން ކަރުދާހާނުލާ މަސައްކަތުގައި ބައިވެރިކުރެވޭ ޓޫލެކެވެ. އަދި
އެއްދަރިވަރަކު އަނެއްދަރިވަރަކާ އަދި މުދައްރިސާއި ދަރިވަރުންގެ މެދުގައި
ކަންކަމާމެދު ޚިޔާލުފާޅުކޮށް ހެދޭނެއެވެ. މެޓީރިއަލް އަޕްލޯޑްކުރުމާއި
ޑައުންލޯޑްކޮށް ހެދޭނެއެވެ. އަދި ދަރިވަރުންގެ މަސައްކަތް ބަލައި ކޮންމެ
ވަގުތެއްގައިވެސް ފީޑްބެކް ދެވިދާނެއެވެ. މިޓޫލް ބޭނުންކުރުމަށް ދަރިވަރުންނާ
މުދައްރިސުން އެއްޑޮމެއިންއެއްގައި މެއިލް އައިޑީއެއް ކުރިއޭޓް ކުރަންވާނެއެވެ.
މިއީ ހުރިހާ އެންމެންނަށްވެސް ފްރީކޮށް ބޭނުންކުރެވޭ އެޕްލިކޭޝަނެކެވެ.
ގޫގުލް ކްލާސް ރޫމް ގެންދިޔައިރު ކުރިމަތިވި
މައްސަލަ އަދި ހައްލުކުރިގޮތް
މިއީ ގްރޭޑް 12 ގެ ދިވެހިގަޑިއެކެވެ.
މި ޓޫލް ބޭނުންކޮށްގެން ގެންދިޔަ ކްލާހުގައި ދިމާވި އެއްމައްސަލައަކީ ގޫގުލްކްލާސް
ރޫމަށް ވަނުމަށް ބޭނުންވާ ގޫގުލް އެކައުންޓު ގިނަ ދަރިވަރުން ހުޅުވާފައި ނެތުމެވެ.
މިމައްސަލަ ކްލާހުގައި ވަގުތީގޮތުން ހައްލުކޮށްލުމަށް ޓަކައި އެކައުންޓްހުރި
ދަރިވަރުންނާއެކު އެކައުންޓް ނެތްކުދިން ޝެއަރވެގެން މަސައްކަތް ކުރުވީއެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
ދަރިވަރުން ގޫގުލް ކްލާސްރޫމް
ބޭނުންކުރުމުގެ ކުރިން ޖީމެއިލް އެކައުންޓެއް ހުޅުވަންޖެހޭނެކަމާއި ޖީމެއިލް
ހުޅުވާނެގޮތް މިފިލާވަޅުގެ ކުރިން ބުނެދިނުން ވަރަށް މުހިންމެވެ. އަދި
ލޮގިންވާނެގޮތްވެސް ދަރިވަރުންނަށް ބުނެދޭށެވެ. މިފިލާވަޅުގައި ގެންދިޔައީ
މުދައްރިސްދޭ އޮނިގަނޑަކަށް ލިޔާ ރިޕޯރޓެއް ކަމުން ގޫލުލް ކްލާސްރޫމް މެދުވެރިކޮށް
މުދައްރިސް ޝެއަރކުރި އޮނިގަނޑު ހުރިހާ ކުދިންވެސް ޑައުންލޯޑްކޮށްގެން
މަސައްކަތްކުރިއަށް ގެންދިޔުމަށް ދަރިވަރުންނަށް އިރުޝާދު ދޭންވާނެއެވެ. އޭރުން
ނެޓްގެ ޚިދުމަތް ކެނޑުނަސް ދަރިވަރުންގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. މިފަދަ
އެތައް މަސައްކަތެއް މުދައްރިސުންނަށް ރާވައިގެން ގޫގުލްކުލާސް މެދުވެރިކޮށް
ގެންދެވިދާނެއެވެ.
އަދި ގޫގުލް ކްލާސްރޫމްގައި މުދައްރިސް ކުރާ
މެސެޖްތައް ދަރިވަރުން ބަލުމުން ގެންދިޔުމަށް އިރުޝާދު ދޭންވާނެއެވެ. މީގެއިތުރުން
ގޫގުލް ކްލާސްގައިވާ ސްޓްރީމް، ކްލާސްވޯކް އަދި ޕީޕަލް އޮންނާނެކަން ދަރިވަރުންގެ
މަސައްކަތް އަޕްލޯޑްކުރަންވީ ބައި ދަރިވަރުންނަށް ބުނެދޭންވާނެއެވެ. ހަމަމިއާއެކު ޕްރޮޖެކްޓް
މަސައްކަތްތަކާއި ދަރިވަރުންނަށްދޭ ނޯޓްތައް ދެޕޭޖުގައި މެނޭޖްކުރުމަކީ
ދަރިވަރުންނަށް އޮޅުންއެރުން ކުޑަވާނެކަމެކެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
ގޫގުލް ކްލާހުގެ މަސައްކަތް
ކުރުމުގެކުރިން ޖީމެއިލެއް ހުޅުވަންވާނެއެވެ. އަދި ލޮގިންވާން ދަސްކުރަންޖެހެއެވެ.
އަދި ޖީމެއިލް ހުޅުވުމަށްފަހު ގޫގުލް އެޕުން ގޫގުލް ކްލާސް ނެގުމަށްފަހު
މަސައްކަތް ކުރިއަށް ގެންދާށެވެ. ކޮންމެ ކުއްޖަކުވެސް އަމިއްލަ އެކައުންޓުގެ ޕާސްވޯޑް
ހަނދާނުގައި ބެހައްޓާށެވެ. އަދި ޕާސްވޯޑް އެހެންކުދިންނާ ޝެއަރ ނުކުރާށެވެ. އަދި
ދީފައިވާ ޑިއުޑޭޓްގެކުރިން މަސައްކަތް ނިންމުމަށްފަހު ގޫގުލް ކްލާހުގައި އަޕްލޯޑް
ކުރަންވާނެއެވެ.
ރިފްލެކްޝަން:
މިޓޫލް ބޭނުންކޮށްގެން ކްލާސް
ގެންދިޔުމަކީ ދަރިވަރުން ޝައުޤުވެރިވި ޓޫލެކެވެ. އަދި މަސައްކަތަށް ދިން
ސަމާލުކަން އިތުރުވިކަން ފާހަގަކުރެވުނެވެ. އަދި މިޓޫލު ގިނަގިނައިން
ބޭނުންކުރަންފެށީމާ ދަރިވަރުން މިޓޫލަށް ވަރަށް އަހުލުވެރިވީކަން
ފާހަގަކުރެވުނެވެ. އަދި ޕޭޕަރާއި ޕްރިންޓްގެ ޚަރަދުކުޑަ ކުރެވުނުކަންވެސް
ފާހަގަކުރެވުނެވެ. އެހެންނަމަވެސް އޮންލައިންކޮށް ބޭނުންކުރާ ޓޫލަކަށްވުމުން
ވައިފައިގެ ސްޕީޑް ދަށްވުމުން ބައެއްފަހަރު އުނގަދޫތަކާއި ކުރިމަތިލާންޖެހެއެވެ.
އަދި ފިލާވަޅުތައް ވަގުތަށް ނިންމުމުގައި ބައެއްފަހަރު ދަތިތަކާ ކުރިމަތިވިއެވެ. މިޓޫލް
ބޭނުންކޮށްގެން ކިޔަވައިދޭއިރު އޭގެ މައުލޫމާތު ބެލެނިވެރިންނާ ހިއްޞާކުރުމަކީ
ވަރަށް މުހިންމުކަމެއް ކަމުގައި ދެކެމެވެ. ސަބަބަކީ ދަރިވަރުންގެ މަސައްކަތް
ބެލެނިވެރިންނަށް ޗެކްނުކުރެވޭނަމަ ދަރިވަރުންގެ ކިޔެވުމާމެދު، ބެލެނިވެރިންނަށް ނޭނގޭ ކަންތައްތަކެއް ހުންނާނެއެވެ.
9. ޕަވަރަޕޮއިންޓް
ޕަވަރޕޮއިންޓަކީ ބަޔަކަށް އެއްޗެއް
ހުށަހަޅައިދިނުމަށް ބޭނުންކުރާ ވަރަށް އާންމު ޕްރެޒެންޓޭޝަން ސޮފްޓްވެއަރ އެކެވެ.
މިއީ އޮފްލައިންކޮށް ބޭނުންކުރެވޭ ޓޫލެކެވެ. މިގޮތުން ދަރިވަރުން ކުލާހާއި
ކްލާހުން ބޭރުގައި ގްރޫޕުގައި ނުވަތަ އިންޑިވިޖުއަލްކޮށް ކުރާމަސައްކަތްތައް
ދަރިވަރުންނަށް ރޭވުންތެރިކަމާއެކު ހުށަހަޅައިދިނުމުގައި ބޭނުންކޮށްލަން ވަރަށް
ފަސޭހަ ޝައުގުވެރި އައިސީޓީ ޓޫލެކެވެ. މި ޕްރޮގްރާމުން ހުށަހަޅައިދެނީ
ސްލައިޑްތަކެއްގެ ގޮތުގައެވެ. މިޕްރޮގްރާމުގައި ތަފާތު އެތައް ފީޗާސްތަކެއް
އެކުލެވިގެންވެއެވެ. މިގޮތުން އެނިމޭޝަން ލުމާއި، އޯޑިޔޯ، ވީޑިޔޯ އިންޕޯޓްކުރުމާއި
ކްލިޕްއާޓް ބޭނުންކުރުމާއި، ސައުންޑް ކްލިޕްބޭނުންކުރުމާއި، ގްރާފް، އޮގަނައިޒިންގ
ޗާޓް ބޭނުންކުރުންފަދަ އެތައްކަމެއް ކުރެވެއެވެ. އަދި ސްލައިޑްތަކުގައިވާ
މައުލޫމާތާއި ފޮޓޯތައް ޕްރިންޓްކުރުމަކީވެސް އުނގެނުމުގައި މިޓޫލް ބޭނުންކުރުމަށް
އިތުރަށް މަގުފަހިކުރުވިކަމެކެވެ.
ޕަވަރޕޮއިންޓް ބޭނުންކޮށްގެން ކުރިއަށް ގެންދާގޮތަށް ރޭވި ކްލާހުގައި ކުރިމަތިވި މައްސަލަ އާއި އޭގެ ހައްލު
މިއީ ގްރޭޑް 12 އަށް ގެންދިޔަ
ދިވެހިގަޑިއެކެވެ. މިގަޑީގައި ގްރޫޕުތަކަށް ހަވާލުކުރީ ޕަވަރޕޮއިންޓްގައި ހެދި
ޕީޕީޓީތައް ހުށަހެޅުމެވެ. މިގަޑީގައި މާބޮޑު މައްސަލައެއް ކުރިމަތި ނުވާކަން
ފާހަގަކޮށްލަމެވެ. ސަބަބަކަށް ބެލެވެނީ މިއީ ދަރިވަރުން އާންމުކޮށް ބޭނުންކުރާ ޓޫލަކަށްވުމުން
ހުރިހާ ގުރޫޕެއްގެ ޕީޕީޓީތައްވެސް ހުރީ ވަރަށް ފުރިހަމައަށް ނިންމާފައެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
މިއީ ދަރިވަރުންގެ މަސައްކަތްތަކާއި މުދައްރިސްގެ
ހުށަހެޅުންތައް ހުށަހެޅުމަށް ބޭނުންކުރާ ޓޫލެކެވެ. މިއީ އޮފްލައިންކޮށް
ބޭނުންކުރެވޭ ޓޫލެކެވެ. މި ޓޫލްގައި ޓެމްޕްލޭޓްތައް ބޭނުންކުރެވޭގޮތަށް ހުރެއެވެ.
އަދި އަމިއްލައަށް ސްލައިޑްތައް ޑިޒައިންވެސް ކުރެވެއެވެ. ސްލައިޑްތައް
ހަދަންފެށުމުގެކުރިން މާސްޓަރސްލައިޑް ފަރުމާކުރަންވާނެއެވެ. މީގެ
ސްލައިޑްތަކުގައި ޓެކްސްޓާއި ޕިކްޗަރ އޯޑިޔޯ ވީޑިޔޯ އަދި އެނިމޭޝަން
ބޭނުންކުރެވެއެވެ. ދަރިވަރުންގެ ގްރޫޕު މަސައްކަތްތައް ކްލާހަށް ހުށަހެޅުމަށް
ދަރިވަރުންލައްވާ މިޓޫލް ބޭނުންކޮށްގެން ޕްރެޒެންޓޭޝަން ހެދުމަށްފަހު ކްލާހުގައި
ހުށަހެޅުވިދާނެއެވެ. އަދި މިޓޫލްގައި ހަދާ ހުރިހާ ސްލައިޑެއް ޕްރިންޓްކޮށް ހެދެއެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
މިއީ އޮފްލައިންކޮށް ބޭނުންކުރެވޭ
އައިސީޓީ ޓޫލަކަށްވުމުން ދަރިވަރުންނަށް ބޭނުންކުރަން ފަސޭހަވާނެއެވެ.
މުދައްރިސްދެއްވާ މަސައްކަތްތައް މިޓޫލް ބޭނުންކޮށްގެން ސްލައިޑްތައް ހެދުމަށްފަހު
ދަރިވަރުންނަށް ކްލާހަށް ހުށަހެޅިދާނެއެވެ. މިގޮތަށް ހުށަހެޅުމުން ދަރިވަރުންގެ
ކްރިއޭޓިވިޓީ އިތުރުވެ ކޮންފިޑެންސް އިތުރުވާނެއެވެ.
ރިފްލެކްޝަން:
މިއީ ދަރިވަރުން ފަރިތަކަމާއެކު
ބޭނުންކުރާ ޓޫލެއްކަން ފާހަގަކުރެވުނެވެ. މީގައި ޕްރެޒެންޓޭޝަން ހަދާއިރު
މާސްޓަރސްލައިޑް ހެދުމަކީ މުހިންމުކަމެއްކަން ފާހަގަކުރެވެނެވެ. އަދި ޓޫލްގައި
އޮފްލައިންކޮށް މަސައްކަތްކުރެވޭތީ ދަރިވަރުންނަށް ފަސޭހަވިއެވެ. އަދި ދިވެހި
ފޮންޓް ބޭނުންކުރަންވެސް ފަސޭހަވެގެންދިޔައެވެ. އަދި މީގައިވެސް ތަފާތު
ބެކްގްރައުންޑްތައް ލިބެންހުރުމުން ފަސޭހައެއްކަން ފާހަގަކޮށްލަމެވެ.
10. ގޫގުލް ޑްރައިވް
ގޫގުލް ޑްރައިވްގެ އެންމެ މުހިންމު
އެއްސިފައަކީ އޮންލައިންކޮށް މަސައްކަތްކުރުމަށް ބޮޑު ސްޓޯރޭޖެއް ފަސޭހަކަމާއެކު
ކުރިއޭޓްކުރެވޭ ކަމެވެ. މިޓޫލްއަކީ އުނގެނުމުގައިވެސް ބޭނުންކުރެވޭނެ ޓޫލެކެވެ.
މިގޮތުން ދަރިވަރުންގެ މަސައްކަތް ގޫގުލް ޑްރައިވައް އަޕްލޯޑްކޮށް
ޑައުންލޯޑްކޮށްވެސް ހެދޭނެއެވެ. އަދި މުދައްރިސް ބޭނުންވާ ލެވެލްއަކަށް ގޫގުލް
ޑްރައިވްގައި އެކްސެސް ދެވިދާނެއެވެ. ހަމައެކަނި ފެންނަގޮތަށާއި
އެޑިޓްކުރެވޭގޮތަށާއި ފޯލްޑާ ކްރިއޭޓްކްރުމަށްވެސް އެކްސެސް ދެވިދާނެއެވެ. އަދި
ދަރިވަރުންނާ މުދައްރިސުން ކޮންމެ ތަނެއްގައި ހުރެގެންވެސް މިޓޫލްގައި މަސައްކަތް ކުރެވިދާނެއެވެ.
އަދި ދަރިވަރުންގެ މަސައްކަތްތައް ޝެއަރކޮށް މުދައްރިސާއި ކުދިންގެ ފީޑްބެކް
ވަގުތުންވެސް ލިބިގަނެވޭ މިޓޫލްއަކީ ފްރީކޮށް ހިދުމަތްލިބޭ ޓޫލެކެވެ. މިޓޫލްގެ
ޚިދުމަތްވެސް މިލިބެނީ ގޫގުލް އެކައުންޓެއް ހުޅުވައިގެންނެވެ. އަދި ދަރިވަރުންނާ
މުދައްރިސުންގެ މަސައްކަތްތައް މި ޑްރައިވްގައި ސޭވްކޮށް ހެދެއެވެ. މީގެ
މަސައްކަތްތައް ސޭވްކުރެވެނީ އޮޓޮމެޓިކުންނެވެ.
ގޫގުލް ޑްރައިވް ބޭނުންކޮށްގެން ގެންދިޔައިރު
ކުރިމަތިވި މައްސަލަ އަދި ހައްލުކުރިގޮތް
މިގަޑިއަކީ ގްރޭޑް 12 އަށް ގެންދިޔަ
ގަޑިއެކެވެ. މިގަޑީގެ މަސައްކަތް ރޭވިފައިވަނީ ކުރީދުވަހުގެ ގުރޫޕުތަކުގައި ހެދި
ދިވެހިރާއްޖޭ މަސައްކަތްތެރިކަމާ ގުޅުވައިގެން ހެދި ޕީޕީޓީތައް ގޫގުލް ޑްރައިވަށް
އަޕްލޯޑްކުރުމަށްފަހު އެއްގުރޫޕުން އަނެއް ގުރޫޕަށް ފާޑުކިޔައިގެން ކޮމެންޓް
ކުރުމެވެ. ނަމަވެސް ކުރިމަތިވި މައްސަލައަކީ ވައިފައިގެ ސްޕީޑް ދަށްވެ
ދެގުރޫޕެއްގެ ޕީޕީޓީ އަޕްލޯޑް ނުކުރެވުމެވެ. މިކަން ހައްލުކުރެވުނީ
އެހެންކުއްޖެއްގެ ޓެބަކުން އެޕީޕީޓީތައް
އަޕްލޯޑް ކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔައީއެވެ.
މިޓޫލް ބޭނުންކުރާއިރު މުދައްރިސް ވިސްނަންވީ
ކަންކަން
މިޓޫލް ބޭނުންކުރުމުގެ ކުރިން އަމިއްލަ
ޖީމެއިލެއް ހުޅުވަންޖެހޭކަން ދަރިވަރުންނަށް ހަނދާންކޮށްދެން ވާނެއެވެ. އަދި މި
ޓޫލްގައި ފޯލްޑާހެދޭނެއެވެ. ވީމާ ދަރިވަރުންނާ ހިއްޞާކުރާ މަސައްކަތާއި ނޯޓްތަކާއި
އަދިވެސް މިނޫން ތަފާތު މަސައްކަތްތައް އެކަމަކަށް ޚާއްޞަ ފޯލްޑާ ހަދާފައި އޭގައި
ޝެއަރކުރުމުން ދަރިވަރުންނަށް އޮޅުންތައް އެރުން ކުޑަވާނެއެވެ. އަދި
ދަރިވަރުންނަށް އެކިމިންވަރަށް އެކްސެސް ދެވޭކަން ހަނދާން ބަހައްޓާށެވެ.
ހަމައެކަނި ފެންނަގޮތަށްވެސް ހެދިދާނެއެވެ. އަދި ފެނުމާއެކު އެޑިޓްކުރެވޭގޮތަށްވެސް
އެކްސެސް ދެވިދާނެއެވެ. އެހެންކަމުން ދަރިވަރުންނަށް ޝެއަރކުރާއިރު މިކަންކަމަށް
ވިސްނުން ބަހައްޓާށެވެ. މިޓޫލްގައި ފްރީކޮށް ލިބޭ 15 ޖީބީ އެދެވޭގޮތުގައި ކުރުމަށް
ވިސްނަންވާނެއެވެ. މިޓޫލްގައި ފައިލް ޑިލީޓްކޮށް ހެދޭނެއެވެ. އެހެންކަމުން
ބޭނުންކުރަންނުޖެހޭ ފައިލްތައް ޑިލީޓްކުރަމުން ގެންދާށެވެ. ނުވަތަ ޑައުންލޯޑްކޮށް
ކޮންޕިއުޓރގައި ސޭވްކުރާށެވެ.
މިޓޫލް މެދުވަރިކޮށް ދަރިވަރުންނަށް
ހޯމްވޯކްދިނުމާއި އެސައިންމެންޓް ހަވާލުކުރުމާއި ޑިސްކަސްކުރުމާއި ،ދަރިވަރުންގެ
މަސައްކަތަށް ފީޑްބެކުދިނުމާއި، މާކްސްތައް ޝެއަރކުރުންފަދަ ކަންކަން
ކުރެވިދާނެއެވެ. އަދި ދަރިވަރުންގެ މަސައްކަތަށް ވީހާވެސް އަވަހަކަށް ކޮމެންޓްކޮށް
ފީޑްބެކުދިނުމަކީވެސް މުހިންމު ކަމެކެވެ.
މިޓޫލް ބޭނުންކުރާއިރު ދަރިވަރުން ވިސްނަންވީ
ކަންކަން
އަމިއްލަ ޖީމެއިލް ހުޅުވާ އެއިން
ގޫގުލް އެޕުތަކުގެ ތެރެއިން ގޫގުލް ޑްރައިވް އޯޕަންކުރެވޭނެއެވެ. މުދައްރިސް ޝެއަރ
ކުރާތަކެތި ދަރިވަރުންނަށް ފެންނާނެއެވެ. މުދައްރިސް ޝެއަރކުރާތަކެތި ފެންނަގޮތަށާއި އެޑިޓްކުރެވޭގޮތަށް ވެސް
ހުންނާނެއެވެ. މިޓޫލްގައި އޮޓޮމެޓިކުން ސޭވްކުރެވޭނެއެވެ މިއީ އޮންލައިންކޮށް
ބޭނުންކުރެވޭ ޓޫލެކެވެ. މިޓޫލްގައި ޝެއަރކޮށް އެހެންކުދިންގެ މަސައްކަތަށް
ކޮމެންޓްކޮށް ފާޑުކިޔާހެދިދާނެއެވެ. އަދި މީޓޫލްގައި ސޭވްކުރާފައިލްތައް
ރައްކާތެރިކަމާއެކު ސޭވްކުރެވިފައި ހުންނާނެއެވެ.
ރިފްލެކްޝަން:
މުދައްސާއި ދަރިވަރުންގެ
ކިޔަވައިދިނުމަށް ބޭނުންކުރާ މެޓީރިއަލްތައް މެނޭޖްކުރުމަށް ވަރަށް ފަސޭހަކަން
ފާހަގަކުރެވެއެވެ. އެހެނީ ސިސްޓަމް ހަލާކުވެ ސޮފްޓްކޮޕީތައް ގެންލިގެނެއް
ނުދާނެއެވެ. މިޓޫލްގައި ދަރިވަރުންނަށް ޝެއަރކުރާއިރު މުހިންމު ޑޮކިއުމެންޓްތައް
ހަމައެކަނި ރީޑްކުރެވޭގޮތަށް އެކްސެސްދިނުން ވަރަށް މުހިންމެވެ. އެހެންނޫނީ
މުހިންމު މައުލޫމާތުތަކެއް ދަރިވަރުން ބަދަލުކުރުމަކީ ކޮށްފާނެކަމެކެވެ.
މިޓޫލްގައި ފޯލްޑާތައް ވަރަށް ރަނގަޅަށް ކެޓގަރައިޒްކޮށް ގްރޫޕްކޮށް ތަރުތީބުކޮށް
ނަންޖަހަން އާދަކުރަންޖެހެއެވެ.
ތަޖުރިބާކުރެވުނު
ކަންކަން
ކިޔަވައިދިނުމުގައި އައިސީޓި ޓޫލްތައް
ކްލާސްރޫމްގައި ބޭނުންކުރުމަށް ކުރެވުނު މަސައްކަތްތަކުން މީގެކުރިން ނުކުރެވޭ
އެތައްތަޖުރިބާތަކެއް ކުރެވިގެން ހިނގައްޖެއެވެ. ފާހަގަނުކުރެވޭ ރަނގަޅު
އެތައްކަމަކާއި ރަނގަޅުކުރަންޖެހޭ އެތައްކަމެއް ފާހަގަކުރެވުނެވެ. އެންމެބޮޑަށް
ފާހަގަކުރެވުނު އެއްކަމަކީ ދަރިވަރުންގެ މޯޑިވޭޝަން އިތުރުވެ ބައިވެރިވުން
ވަރަށްބޮޑަށް ލިބިގެންދިޔަކަމެވެ. އަދި ބައެއްޓޫލްތަކުގެ ޙަރަކާތްތައް ކޮލެބްރޭޓިބްކޮށް
އެކްޓިވްކޮށް ވަރަށް މާނަހުރިގޮތެއްގައި ގެންދެވުނުކަމެވެ. އަދި ފާހަގަކުރެވުނު
އަނެއްކަމަކީ ބޭނުންކުރި ގިނަ ޓޫލްތަކަކީ ދަރިވަރުން މުޅިން އަލަށް ބޭނުންކުރާ
ޓޫލްތަކަށްވުމުން ބޭނުންކުރުމުގައި ބީރައްޓެހިކަން ހުރިކަން ފާހަގަކުރެވުނެވެ. އަދި
ދަރިވަރުންނަށް ވަރަށްބޮޑަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެވުނެވެ.
ހަމައެހެންމެ މީގެ ތެރެއިން އެންމެ ޓޫލެއް ފިޔަވައި ދެން ހުރިހާ ޓޫލަކީވެސް
އޮންލައިންކޮށް ބޭނުންކުރާ ޓޫލްތައް ކަމަށްވުމުން އިންޓަރނެޓްގެ ބޭނުންތެރިކަން
ފާހަގކުރެވުނެވެ. އަދި އިންޓަރނެޓަކީ ސްކޫލްތަކަށް ކޮންމެހެން ބޭނުންވާ އަސާސީ
ޚިދުމަތެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. ފާހަގަކުރެވުނު އަނެއްކަމަކީ އިންޓަރނެޓްގެ
ސްޕިޑް ދަށްވުމުން ބައެއް ޓޫލްތައް ރަނގަޅަށް ނުގެންދެވުނު ކަމެވެ. އަދި ބައެއް
ކްލާސްތައް ވަގުތަށްނުނިމި އަދި ކްލާސްތައް ލަސްކޮށްލަންވެސް ޖެހުނެވެ.
ދަރިވަރުން އެސެސްކުރުމަކީވެސް
ކިޔަވައިދިނުމުގެ ބައެކެވެ. މިގޮތުން އައިސީޓީ ޓޫލްތަކަކީވެސް ދަރިވަރުން
އެސެސްކުރުމަށް ބޭނުންކުރެވިދާނެ ހަތިޔާރެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. އަދި
މިގޮތަށް އެސެސްކުރާއިރު އިމްތިހާނުތަކަށް ދަރިވަރުން ގަންނަ ބިރު ނުހުންނަކަން
ފާހަގަކުރެވުނެވެ. އަދި ވަރަށް އިފެކްޓިވްކޮށް އަވަހަށް ދަރިވަރުންނަށް ފީޑްބެކް
ދެވެމުންދާކަން ފާހަގަކޮށްލަމެވެ. މީގެއިތުރުން އައިސީޓީ ޓޫލްތައް ބޭނުންކޮށްގެން
ގެންދާ އުނގެނުމުގެ ހަރަކާތްތަކަކީ ދިރިއުޅުމާގުޅޭ މާނަހުރި ހަރަކާތްތަކެއްކަންވެސް
ކިޔަވައިދެމުން ގެންދިޔައިރު ތަޖުރިބާކުރެވުނެވެ. އަދި މިގޮތަށް ޓެކްނޮލޮޖީ
ބޭނުންކޮށްގެން ކްލާހުގެ ހަރަކާތްތަކާއި ކްލާހުން ބޭރުގައި ހިންގޭ ހަރަކާތްތަކުން
އިހްސާސްކުރެވިގެން ދިޔައީ މިގޮތްތައް
މާއިފެކްޓިވްކަމާއި އަދި ލުއިފަސޭހަކަމާއި ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތަކަށް
ހޭދަވާވަގުތު މަދުކުރެވިގެންދާކަމެވެ. މިއީ މުދައްރިސުންނަށް ވަޒީފާގައި ލިބިދެވޭ
މޯޑިވޭޝަނެކެވެ.
ކްލާސްތަކުގައި މިގޮތަށް އައިސީޓީ ޓޫލް
ބޭނުންކުރާނަމަ ހުރިހާ ދަރިވަރުންނަށްވެސް ޓެބް ނުވަތަ މިކަންކުރެވޭނެ
ވަސީލަތްތައް ލިބިދިނުމަކީ ކޮންމެހެންވެސް މަޖުބޫރުކަމަކަށް ވާނެއެވެ. ހަމައެހެންމެ
މިކަން އެންމެއެދެވޭ ގޮތުގައި ކްލާސްތަކުގައި ގެންދެވޭނީ މުދައްރިސުން
އައިސީޓީއަށް އަހުލުވެރިކުރުވިގެންނެވެ. އަދި ދަރިވަރުންވެސް މިކަމަށް
ފަރިތަކުރުވާ ހޭލުންތެރި ކުރުވިގެންނެވެ. މީގެއިތުރުން ބެލެނިވެރިންވެސް މިކަމަށް
ހޭލުންތެރި ކުރުވިގެންނެވެ. މިކަމަށް މިކަންކަން ކުރުމަށް މުދައްރިސުންނަށް
ޓޫލްތަކުގެ ޓްރެއިނިން ޕޮރޮގްރާމްތައް ފުޅާދާއިރާއެއްގައި ގެންދަންޖެހެއެވެ. އަދި
ދަރިވަރުންނާއި ބެލެނިވެރިންވެސް ހޭލުންތެރިކުރުވުމަށް ބައްދަލުވުންތައް
ބާއްވަންޖެހޭކަން ފާހަގަކުރެވުނެވެ.
އައިސީޓީ ޓޫލްތައް އަޅުގަނޑު ނެގީ
މުޅިންވެސް ދިވެހިގަޑިތަކެވެ. މިކަންކަމުގެ ތެރެއިން ތަޖްރިބާކުރެވުނު
އަނެއްކަމަކީ ބައެއް ޓޫލް ނުވަތަ ބައެއް އެޕްލިކޭޝަންތަކުގައި ދިވެހި ފޮންޓް
ބޭނުން ނުކުރެވޭތީ އެކްޓިވިޓީތައް ގެންދަން އުނދަގޫވީކަމެވެ. އެހެންނަމަވެސް
މިކަމުގެ ފަންނީބޭފުޅުންނަށް މިފަދަ މައްސަލަތަކުގެ ހައްލު ހޯދޭނެކަމަށް
ޤަބޫލުކުރެވެއެވެ. ހަމަމިއާއެކު މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު
އަނެއްކަމަކީ އިންޓަރނެޓް ބޭނުންކޮށްގެން މިގޮތަށް ކިޔަވައިދޭއިރު ދަރިވަރުން
އިންޓަނެޓް ބޭނުންކުރުމުގެ އަޚްލާޤު ހިފެހެއްޓުމަށް މުދައްރިސުންނާއި ބެލެނިވެރިން
ވަރަށްބޮޑަށް ސަމާލުވެ ފާރަވެރިވާންޖެހޭކަމެވެ. އެހެންނޫންނަމަ މީގެ ސަބަބުން
ދަރިވަރުންނަށް ވަރަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ޤަބޫލުކުރެވުނެވެ.
މީގެއިތުރުން ބައެއް ޓޫލްތައް ބޭނުންކުރާއިރު ދަރިވަރުން ވާހަކަދެއްކުމާއި
އިޖްތިމާއީ ހުނަރުތަކާއި ކުޑަކޮށް ދުރުވާކަމުގެ އިހްސާސްކުރެވެއެވެ. ވީމާ
މިކަންކަމަށް ވިސްނައިގެން މުދައްރިސްގެ ފިލާވަޅުތައް ބައްޓަންކުރުން
ރަނގަޅުވާނެއެވެ. އަދި ބައެއް ޓޫލްތަކުގައި ދަރިވަރުން މަސައްކަތްކުރާއިރު
ތަންކޮޅެއް ގިނަވަގުތު ނަގާތީ ދަރިވަރުންގެ މޯޓިވޭޝަން ގެއްލޭކަން ކޮންމެވެސް
ވަރަކަށް ފާހަގަވިއެވެ. މިކަމަށްވެސް މުދައްރިސް ދުރާލާވިސްނުން ބަހައްޓައިފިނަމަ
މިއީ ވަރަށް ފަސޭހައިން ހައްލުކުރެވިދާނެ ކަމެކެވެ.
ދަރިވަރުން ބޭނުންކުރާ
ޓެބްލެޓްތަކަކީވެސް ވަރަށް ގިނައިން މައްސަލަޖެހޭ އެއްޗެކެވެ. ކްލާހުގެ ބައެއް
ދަރިވަރުން އަތުގައި ޓެބުލެޓް އޮވެފައި އަނެއްބައި ކުދިންނަށް ނުލިބުމަކީ
ކްލާސްކުރިއަށް ގެންދަން ވަރަށް އުނދަގޫވާކަމެކެވެ. ވީމާ ދަރިވަރުންނާ
މުދައްރިސުންގެ ޓެބްތަކަށް ކުރިމަތިވާ މައްސަލަތައް ވީހާވެސް އަވަހަށް
ހައްލުކުރުމަށް ޓަކައި ސްކޫލުގައި އައިސީޓީގެ ވަރަށް ރަނގަޅު ޓެކްނިކަލް ބޭފުޅަކު
ހުރުމަކީ ވަރަށް މުހިންމުކަމެއްކަން ތަޖުރިބާކުރެވުނެވެ.
ކްރިޓިކަލް
ރިވިއު
އުނގެނުމާއި އުނގަންނައިދިނުމަކީ
އެއްދުވަހުން އަނެއްދުވަހަށް ހެޔޮ ބަދަލުތައް އައިސް ތަރައްޤީކުރެވުންދާ
އެއްދާއިރާއެވެ. މިގޮތުން އެކާވިސްވަނަ ޤަރުނަށް އިންސާނުން ބިނާކުރާއިރު
ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ނުވަތަ ގޮތްތަކަށް މިވަނީ ވަރަށް ބޮޑެތި
ބަދަލުތަކެއް އައިސްފައެވެ. މިގޮތުން މިއަދުގެ ޒަމާނީ ޓެކްނޮލޮޖީ އަހަރެމެންނަށް
ގެނެސްދިން އައިސީޓީ ޓޫލްތައް ބޭނުންކޮށްގެން މިވަނީ އުނގެނުމާއި
އުނގަންނައިދިނުމަށް އިންގިލާބީ ބަދަލެއް ގެނުވާފައެވެ. މިކަމާމެދު ގްރައްބެ،
އެމް. އެންޑް ގްރަބެ، ސީ. (2007) ހާމަކުރައްވަނީ އުނގެނުމާއި އުނގައިދިނުމުގައި
އައިސީޓީ ބޭނުންކުރަން ފެށުމުން ކިޔަވައިދިނުމުގައި މުދައްރިސަށާއި ދަރިވަރުންނަށް
އުނގެނުމުގެ އައުގޮތްތައް ދަސްވެ ހުނަރުވެރިކަމަށް ދަރިވަރުން ލޯހުޅުވި
މައްސަލަތައް ހައްލުކުރުމަށް ނުހަނު ފަސޭހަވެއްޖެއެވެ. މިފަދަ ހެޔޮބަދަލުތަކަށް
ވިސްނާއިރު ދަރިވަރުންގެ ވިސްނުންފުޅާވެ އުފެއްދުންތެރި ވިސްނުމަށް ދަރިވަރުންނަށް
ފުރުސަތުލިބި ވިސްނުންތަރައްޤީ ވަމުން އަންނަކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ
މިކަމަށް ބާރުދީ މެކްމަހޮން، ޖީ. (2009) ވިދާޅުވަނީ އައިސީޓީ ޓޫލްތައް އުނގެނުމުގައި
ބޭނުންކުރާނަމަ އުނގެމުގެ ހަރަކާތްތައް ޝައުޤުވެރިކުރުވާ ދަރިވަރުންގެ ވިސްނުން
މިނިވަންވެގެން ދެއެވެ. ވީމާ، ކިޔަވައިދިނުން އެތައްގޮތަކުން ތަރައްޤީވެ
އުނގެނުމުގެ ހަރަކާތްތައް އިންސާނުންގެ ބޭނުންތަކާ އެއްގޮތަށް ބަދަލުވީ އައިސީޓީ
ޓޫލްތައް ކިޔަވައިދިނުމުގައި ބޭނުންކުރަން ފެށުމުންނެވެ.
ދަރިވަރުންގެ އުނގެނުން
ތަރައްޤީކުރުމަށް ޓަކައި ދަރިވަރުންގެ ފެންވަރު ވަޒަންކުރަމުން ގެންދަންޖެހެއެވެ.
އަދި މިއީ އުނގެނުމުގެ ޙަރަކާތަކަށް ހެދުމަށްޓަކައި، ފިލާވަޅު ރާވާއިރު
ވިސްނަންޖެހެއެވެ. މިކަމާމެދު ހޮނަން، އީ. (2008) ވިދާޅުވަނީ އައިސީޓީ ޓޫލަކީ އުނގެނުން ވަޒަންކުރުމަށް
ބޭނުންކުރެވޭ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. އަދި ތައުލީމަށް އިޞްލާހީ ބަދަލުގެނައުމަށް ބޭނުންކުރެވޭ އެންމެ
އެކަށޭނަ އެކައްޗަކީ އައިސީޓީ ޓޫލެވެ. އަދި ގީ، ޖޭ. ޕީ. (2011)
ހާމަކުރައްވާގޮތުގައި ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ
ބޭނުންތަކަށް ފެތޭ މާނަހުރިގޮތެއްގައި ތައުލީމުދިނުމުގައި ފަހުގެ ޓެކްނޮލޮޖީ
ބޭނުންކުރުމަކީ އެކާވިސްވަނަ ޤަރުނުގައި ކޮންމެހެންވެސް މުހިންމު ކަމެކެވެ.
އެހެންކަމުން އައިސީޓީ ޓޫލްތައް އިންކޯޕަރޭޓްކޮށްގެން ފިލާވަޅުތައް ރޭވިއްޖެނަމަ
ދަރިވަރުންގެ އުނގެނުން ތަރައްޤީވެގެން އަންނަ މިންވަރު ވަޒަންކުރުމަކީ ވަރަށް
ފަސޭހަކަމެކެވެ.
ކިޔަވައިދިނުމަކީ ވަރަށް ބުރަ އަދި
އުނދަގޫ ޕްރޮފެޝަންއެކެވެ. ދަރިވަރުންގެ އުނގެނުމާގުޅޭ ހުރިހާ ކަމަކާ ޒިންމާވެގެން
އަދާކުރަންޖެހޭ އަދި މުދައްރިސްވެސް އަބަދުވެސް އަޕްގްރޭޑްވަމުން އަންނަންޖެހޭ
ދާއިރާއެކެވެ. ދަރިވަރުންނަށްވުރެ އުނގެނނުމަށް ގިނަވަގުތު އަބަދުވެސް
ހޭދަކުރަންޖެހިފައި އޮންނަނީ މުދައްރިސުންނަށެވެ. ލިމް، ސީ. ޕީ. (2007) އައިސީޓީ ޓޫލް
ބޭނުންކޮށްގެން ކިޔަވައިދިނުމަކީ މުދައްރިސުންނަށް ތަޢުލީމީ އިތުރުފުރުސަތުތަކާއި
ތަޖުރިބާތައް ހޯދައިދޭކަމެކެވެ. އެހެންކަމުން އައިސީޓީއަށް އަހުލުވެރިވެ އައިސީޓީ
ޓޫލްތައް އިންކޯޕަރޭޓްކޮށްގެން އުނގަންނައިދިނުން ކުރިއަށް ގެންދެވޭނަމަ
ދަރިވަރުންގެ މައުލޫމާތުވެސް އިތުރަށް ތަރައްޤީވެ ފިލާވަޅުގައި ބައިވެރިވުން
ބޮޑުވެ އުނގެނުމަކީ ސްޓޫޑެންޓް ސެންޓަރޑް ލާނިންގއަކަށް ބަދަލުވެއެވެ. މިކަމަށް
ބާރުދެއްވާ ލައުރިލާޑް، ޑީ. (2012) ބަޔާންކުރައްވާ ގޮތުގައި އައިސީޓީ ޓޫލް ކްލާސްރޫމްގައި
އެދެވޭގޮތުގައި ބޭނުންކުރެވޭނަމަ ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވެ
އުނގެނުމުގެ ތެރެއިން ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް
ދަރިވަރުން ދަސްކުރެއެވެ. އެހެންކަމުން ކިޔަވައިދިނުމުގައި އައިސީޓީ
ޓޫލްބޭނުންކުރުމަކީ މުދައްރިސުންނާއި ދަރިވަރުންނަށްވެސް އުނގެނުން
ތަރައްޤީކުރެވިގެންދާ ކަމެކެވެ.
އުނގެނުމަކީ އެއްކުއްޖަކު
އަނެއްކުއްޖަކު ގުޅިގެން ގެންދަންޖެހޭ ހަރަކާތެކެވެ. މިކަންމިގޮތަށް ކުރުމުގެ
އެންމެ ބޮޑު އެއްބޭނުމަކީ ދަރިވަރުންގެ އިޖްތިމާއީ ގުޅުންތައް ވަރުގަދަވެ
އަމަލީމައިދާނުގައި އެހެންމީހުންނާ ގުޅިގެން އުޅެންޖެހުމެވެ. އައިސީޓީ ޓޫލް
ބޭނުންކޮށްގެން ކިޔަވައިދިނުމަކީ އިޖްތިމާއީ ހުނަރުތަކާއި ސިފަތައް
އަށަގަންނަކަމެކެވެ. މިކަމާމެދު ޑައުސް، އެލް. (2001) ހާމަކުރައްވާގޮތުގައި އައިސީޓީ ޓޫލްތައް ބޭނުންކޮށްގެން
ކިޔަވައިދިނުމަކީ އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅިގެން މަސައްކަތްކުރުމަށް
ވަރަށްގިނަ ފުރުސަތުތައް ހޯދައިދޭ ކަމެކެވެ. އަދި މީގެތެރެއިން އިޖްތިމާއީ ރަނގަޅު
އެތައްސިފައެއް ދަރިވަރުންގެ ކިބައިގައި ހަރުލައެވެ. ދަރިވަރުންގެ ކިބައިގައި
މިފދަ ސިފަތައް އަށަގަންނަނަމަ ހަޤީޤީ ދިރުއުޅުމުގައިވެސް އޭގެ ފައިދާކުރާނެއެވެ.
ރިފަރެންސް
ހޮނަން، އީ. (2008). ބެރިއަރސް ޓޫ ޓީޗާރސް
ޔޫސިންގ ޑިޖިޓަލް ޓެކްސްޓްސް އިން ލިޓަރެސީ ކްލާސްރޫމްސް. ލިޓަރެސީ،
ވޮލް.
42، ޕީޕީ.36-43.
މެކްމަހޮން، ޖީ. (2009). ކްރިޓިކަލް ތިންކިންގ
އެންޑް އައިސީޓީ އިންޓަރގްރޭޝަން އިން އަ ވެސްޓާން އޮސްޓްރޭލިއަން
ސެކަންޑަރީ
ސްކޫލް އެޑިއުކޭޝަނަލް އެންޑް ސޮސައިޓީ، ވޮލް. 12، ޕީޕީ.269-281.
ލައުރިލާޑް، ޑީ. (2012). ޓީޗިންގ އޭސް އަ
ޑިޒައިން ސައިންސް: ބިންޑިންގ ޕެޑަގޮޖިކަލް ޕެޓާރންސް އެންޑް ޓެކްނޮލޮޖީ.
ނިއުޔޯކް:
ރޫޓްލޮޖް.
ލިމް، ސީ. ޕީ. (2007). އިފެކްޓިވް
އިންޓަރގްރޭޝަން އޮފް އައިސީޓީ އިން ސިންގަޕޯ ސްކޫލް: ޕެޑަގޮޖިކަލް އެންޑް
ޕޮލިސީ
އިމްޕްލިކޭޝަންސް،
އެޑިޔުކޭޝަން ޓެކްނޮލިޖީ ރިސާޗް ޑިވެލޮޕްމަންޓް، ވޮލް. 55، ޕީޕީ.83-116.
ގްރައްބެ، އެމް. އެންޑް ގްރަބެ، ސީ. (2007). އިންޓަގްރޭޓިންގ
ޓެކްނޮލޮޖީ އޮން މީނިންފުލް ލާނިންގ. )5 ވަނަ
އިސްދާރު)
ބޯސްޓްން އެންވައު: ހޯޓަން މިޓްލިން.
ގީ، ޖޭ. ޕީ. (2011). ލޭންގްއޭޖް އެންޑް ލާރިންގ
އިންދަ ޑިޖިޓަލް އޭޖް. ނިއުޔޯކް" ރޫޓްލޮޖް.
ޑައުސް، އެލް. (2001). ވަޓް ސްޓޮޕްސް ޓީޗާސް
ޔޫސިންގ ނިއު ޓެކްނޮލޮޖީ؟ އިން އެމް.
ލީސްޓް(އީޑީ)، އިސޫސް އިން
ޓީޗިންގ
ޔޫސިންގ އައިސީޓީ(ޕީޕީ. 61-79). ލަންޑަން: ރޫޓްލޮޖް.